ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކެއް
ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކެއް
ޢިމާރާތްކުރުމުގެ މަސައްކަތުގައި އިންޝުއަރެންސް ކުރުން މަޖުބޫރުކޮށް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު ކޮންސްޓްރަކްޝަން މިނިސްޓްރީން އިސްލާޙު ކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މިފަދަ އިސްލާހެއް ގެނައީ އިމާރާތް ކުރުމުގެ މަސައްކަތުގެ ސަލާމަތާއި، މިފަދަ މަސައްކަތްތަކުން އުފެދިދާނެ ނުރައްކާތަކުން ރައްޔިތުންނާއި، މުދާ ހިމާޔަތް ކުރުމަށްޓަކައި ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ޢިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ 21 މާއްދާގެ (ނ) އަށް އިސްލާހުގެނެސް އަދި 22 މާއްދާގެ (ށ) ގެ ފަހަތައް ވަނީ ނަންބަރެއް އިތުރުކޮށްފައެވެ.

އެގޮތުން 21 ވަނަ މާއްދާގައި (ނ) ގައި ވަނީ، އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ވަށައިގެންވާ މާހައުލާއި މަސައްކަތު މީހުންނާއި ހިނގާބިގާވެ އުޅޭ ފަރާތްތަކާއި މީހުންގެ މުދަލާއި އެއްގަމު އުޅަނދު ފަހަރަށް ލިބިދާނެ ގެއްލުމުގެ ބަދަލު ދިނުމައްޓަކައި، މަސައްކަތުގެ އަގަކީ ފަނަރަ ލައްކަ ރުފިޔާ ނަމަ ނުވަތަ އެއަށްވުރެއް ބޮޑު ނަމަ އެ މަސައްކަތަކައް އިންޝިއުރަންސް ހޯދަން ވާނެ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިއީ އިމާރާތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށާއި އާންމުންނަށް ލިބިދާނެ ނުރައްކާތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

އަދި މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން