ޓޫރިޒަމް މިނިސްޓަރ
ޓޫރިޒަމް މިނިސްޓަރ
އީރާނާއި އިސްރާއީކު ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހާލަތު ގޯސްވެ، ބައެއް ފްލައިޓުތައް ކެންސަލްވި ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަތުތަކަށް މާބޮޑު އަސަރެއް ނުކުރާކަމަށް ޓޫރިޒަމް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިހާރު ފަތުރުވެރިން އާންމުކޮށް އަންނަމުންދާ މާކެޓުތަކުގެ އިތުރުން އެހެން މާކެޓުތަކަށް ފުޅާކުރަން ޖެހޭ ކަމަށެވެ. މިކަމަށްޓަކައި ޓްރެވެލް އޭޖެންޓުންނާއި ރިސޯޓުތަކާއި އެއަރލައިންތަކާއެކު އެމަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އޮންނަ ބަޖެޓުވެސް އަންނަ އަހަރުން ފެށިގެން އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މެދު އިރުމަތީގައި ހިނގާ ހަނގުރާމައިގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ނުކުރާނެގޮތަށް، ރާއްޖޭގެ ފަތުރުވެރިކަން އެހެން ސަރަހައްދުތަކުގައި ޕްރޮމޯޓުކުރުމަށް އިސްކަންދެއްވާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިރާން-އިސްރާއީލް ހަނގުރާމައިގެ ސަބަބުން ބައެއް ފްލައިޓުތައް ކެންސަލްވި ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަތުތަކަށް މާބޮޑު އަސަރެއް ނުކުރާކަން ފާހަގަ ކުރަމުން މިނިސްޓަރ ވިދާޅުވީ ހަނގުރާމައިގައި މިކަހަލަ ކަންތައް ވެއްޖެނަމަ އިންޑަސްޓްރީއަށް ބޮޑެތި ލޮޅުންތައް އަންނާނެ ކަމަށެވެ.

އެހެންވެ، ލޮޅުންތަކަށް ބަލައިގެން އިތުރު އެހެން މަންޒިލްތަކުގައި ފަތުރުވެރިކަން ކުރިއެރުވިއްޖެއްޔާ، ވަރަށް ފަހި ފުރުސަތުތަކެއް އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރު މަންޒިލްތަކުން ފަތުރުވެރިން ގެނައުމުގެ މަސައްކަތާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީ ކުރެވޭ އެއަރޕޯޓުތަކުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ވެލާނާ އެއަޕޯޓުގެ އައު ޓާމިނަލާއެކުވެސް ރާއްޖެ އަންނަ އެއަރލައިންތައް އިތުރުކުރެވޭނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން