އައިޖީއެމްއެޗް
އައިޖީއެމްއެޗް
8 މަހުގައި ނިޔާވި ތުއްތު ކުއްޖާގެ ހާލަތު ބަލައި އެވަގުތަށް ދެވޭނެ ފަރުވާ ދީފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗުން މިހެން ބުނެފައިވާއިރު، އެހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް، 8 މަހުގެ ޔޫނުސް ހުސެއިން އަބްދުالله ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ ޢާއިލާ އިން ވަނީ އައިޖީއެމްއެޗަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ.

އެކަމާ ގުޅިގެން ނެރެފައިވާ ބަޔާނުގައި އައިޖީއެމްއެޗުން ބުނެފައިވަނީ ސިއްހީ ފަރުވާއާ ގުޅޭ ގޮތުން ހޮސްޕިޓަލަށް ހުށަހެޅޭ ކޮންމެ ޝަކުވާއަކީ އަދި ބަލި މީހުންގެ ފަރާތުން ކަންބޮޑުވުމެއް އޮތްކަން އެނގޭ ކޮންމެ ޝަކުވާ އަކީވެސް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ.

އެގޮތުން 8 މަހުގެ ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުން ބެލިބެލުމުން ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ގާތުން މޮނިޓާކޮށް، އެވަގުތު ދެވެން އޮތް ފަރުވާދީ، ގުޅުން ހުރި ލެއާއި އެހެނިހެން ތަހުލީލުތައްކޮށް ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ދިޔަ ކަމަށް ބަޔާނުގައިވެއެވެ.

އަދި ރެކޯޑުތަކުން ދައްކާ ގޮތުން ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރާތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައިވާ ކަމަށާއި، ބަލިމީހާއަށް އައިސީޔޫގައި ފަރުވާދޭން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާދޭނަމަ، އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތްކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، އެ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައިވާ ނަމަ، އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފާކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާކަން އައިޖީއެމްއެޗުން ފާހަގަ ކޮށްފައިވެއެވެ.

އަދި ހަމައެހެންމެ ބަލިމީހާގެ ހާލު ސީރިއަސްވާ ކޮންމެ މައްސަލައެއްގައިވެސް ހޮސްޕިޓަލުގެ އެތެރޭގެ ތަހުގީގެއް ކުރާކަމަށާއި ހިދުމަތް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ބަލާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

“މި މައްސަލަވެސް މި ހޮސްޕިޓަލުން މިގެންދަނީ އިތުރަށް ބަލަމުންނެވެ. އަދި މައްސަލައެއް ބެލުމުގައި ހޮސްޕިޓަލުގައި ބަލި މީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވި އެ ކަންކަން އިސްލާހު ކުރާކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަމެވެ.” އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.

އައިޖީއެމްއެޗުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ކުއްޖާގެ ޢާއިލާއިން މީސްމީޑިއާގައި ބުނެފައިވަނީ، ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ކަމަށާއި، ނަމަވެސް ހޮސްޕިޓަލުން ދީފައިވާ ފަރުވާގެ ސަބަބުން "ލިވާ އެންޒައިމް މަތިވެގެން" ކުއްޖާގެ ހަށިގަނޑު ދުޅަވެފައިވާ ކަމަށެވެ.

އަދި ކުއްޖާ ހޮސްޕިޓަލަށް ވެއްދިތާ ފަސް ދުވަސް ވަންދެން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ނުބަލާ ކަމަށާއި، ލިވަރު ފެއިލްވުމުން ބޭރަށް ރިފަރ ކުރުމަށް އެދުނުއިރު އާސަންދަ ހަމަޖެހުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އަދި ކުއްޖާ ނިޔާވިފަހުން ކުއްޖާ އަށް ސީޕީއާރު ދިނުމުން ކުއްޖާގެ ކަންފަތާއި ނޭފަތުން ލޭ އައިސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"އެ ކުއްޖާ އެނދުމަތިކުރިތާ 6 ވަނަ ދުވަހު، އެ ތުއްތު ތުއްތު ފުރާނަ މި ފަނާވެނިވި ދުނިޔެއާ އަލްވަދާއު ކިޔުމެވެ. އެ ވަރުން އަދި ފުދުނީކީއެއް ނޫނެވެ. އެ ތުއްތު ކުއްޖާގެ މައިންބަފައިންގެ ނުރުހުމުގައި، ފުރާނަ ނެތް އެ ތުއްތު ކުއްޖާއަށް ސީޕީއާރް ވެސް ދިނީއެވެ. ކަންފަތާއި އަނގައާއި ނޭފަތުން ލޭއައުމުން ވެސް މެއެވެ." އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން