ޑެބިޓް ކާޑުތަކުގެ ލިމިޓް މާދަމާއިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ބީއެމްއެލްގެ މި ނިންމުމާ ގުޅިގެން މިއަދު އެކްސް (ކުރީގެ ޓްވިޓާ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ، ޑޮލަރު ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް ކަމަށެވެ. ޝާހިދު ފާހަގަކުރެއްވި ގޮތުގައި، އީ-ކޮމާސްއަށް ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް 30 އިންސައްތައިގެ ފީއެއް ނެގުމުގެ ސަބަބުން، މުދާ އޮންލައިންކޮށް ގަންނައިރު ޑޮލަރު ރޭޓު ހަޤީގަތުގައި ބްލެކް މާކެޓަށްވުރެ ބޮޑުވާ ކަމަށެވެ. މި މައްސަލައަކީ ހަމައެކަނި ބޭރު ފައިސާގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ސަރުކާރުން ބޭރުގެ ފައިނޭންސިންގ ހޯދުމާއި ރިޒާވް ޒިންމާދާރުކަމާއެކު މެނޭޖްކުރުމުގައި ފެއިލްވުމުގެ ސަބަބުން އުފެދުނު ފައިސާގެ ދަތިކަމުން ބީއެމްއެލުން ފައިދާ ނެގުން ކަމަށް ޝާހިދު ވަނީ ތުހުމަތުކުރައްވާފައެވެ.

މީގެ އިތުރުން ބީއެމްއެލްގެ މި ނިންމުމުގެ ސަބަބުން އާންމު ދިވެހި ޢާއިލާތަކުގެ މައްޗަށް އިޤްތިޞާދީ ބުރަ ބަދަލުވެ، ހަމަހަމަކަން ގެއްލި، ދުނިޔޭގެ މުދަލަށް ވާސިލުވުމުގެ ފުރުސަތު ހަނިވެ، އަދި ދިރިއުޅުމުގެ ޚަރަދުގެ ހާލަތު އިތުރަށް ގޯސްވުމަށް މި ސިޔާސަތުން ދޮރު ހުޅުވާލާފައިވާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ މި ސިޔާސަތުން މައްސަލަ ހައްލު ނުވާނެ ކަމަށާއި، އާންމު ރައްޔިތުމީހާއަށް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ބީއެމްއެލުން މިއަދު ބުނީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާއިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ. އެ ނިބްމުން އިއުލާންކުރިތާ ކުޑައިރުކޮޅެއް ފަހުން ޓެމޫ، ޝެއިން ފަދަ ސައިޓުތަކުން ވިޔަފާރި ކުރާނަމަ 30 އިންސައްތައިގެ ފީއެއް ނެގުމަށް ނިންމާފައިވާ ކަން ބީއެމްއެލުން ވަނީ ހާމަކޮށްފައެެވެ. އެގޮތުން ޓެމޫ، ޝީއިން، އަލީބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު 30 އިންސައްތައާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އެނިންމުމާއި ގުޅިގެން އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ ބޭންކަށް އަމާޒުވެފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން