ސިންގަޕޫރުގެ ވިޔަފާރި މުޖުތަމަޢާއެކު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ގުޅިގެން މަސައްކަތްކުރުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ސިންގަޕޫރަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެެރެއިން އެޤައުމުގެ ރައީސް އާއި ފަސްޓްލޭޑީ ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ދެ ޤައުމުގެ އިސްކަންދޭ ދާއިރާތަކުގައި ޚާއްޞަކޮށް، ވިޔަފާރީގެ އިތުރު ބައިވެރިވުންތަކާއި އެކުވެރި މަޝްރޫޢުތައް ކުރިއެރުވުމަށް ސިންގަޕޫރުގެ ވިޔަފާރި މުޖުތަމަޢާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މިއީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް އޮތް މުހިންމު ފުރުޞަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެނިރާއްޖެއާއި ސިންގަޕޫރަކީ ޖޯގްރަފީގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ތަފާތު ޤައުމުތަކެއް ކަމުގައި ވީނަމަވެސް، ބަދަލުވަމުންދާ ދުނިޔޭގެ ޙާލަތުތަކުގެ ތެރެއިން ކުރިއަށްދިއުމަށް އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްފައިވެއެވެ. މިގޮތުން ދެޤައުމުގެ މެދުގައިވާ އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، ސުލްޙައާއި، ތަރައްޤީއާއި، ފާގަތިކަމަށް ކުރާ މަސައްކަތް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަށް ރަން ޔޫބީލް ފާހަގަކުރަމުންދާއިރު، ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ ގިނަ ފުރުޞަތުތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި، މިރޭ ފާހަގަކުރަނީ ހަމައެކަނި ދެ ޤައުމުގެ ސަރުކާރުތަކުގެ ގުޅުމެއް ނޫނެވެ. އަދި، އެއީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ރަޙްމަތްތެރިކަމާއި، އިތުބާރާއި، ފުރިހަމަކަމަށް ވާސިލުވުމަށް ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ފަރިއްކޮޅުގައި، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ސިންގަޕޫރު ސަރުކާރާއި ރައްޔިތުން ދެއްވި ހޫނު މަރުހަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަކީ ރަސްމީ ޑިޕްލޮމެޓިކް ގުޅުމުގެ ކުރިން އޮތް ގުޅުމެކެވެ. މި ގުޅުން ބިނާވެފައިވަނީ ވިޔަފާރި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން، އަދި މިނިވަން ޒުވާން ޤައުއުމުތަކެއްގެ ހައިސިއްޔަތުން ހިއްސާކުރާ އުންމީދުތަކުގެ މައްޗަށެވެ. އަދި ސިންގަޕޫރުން ދައްކުވާފައިވާ ހިތްވަރުގަދަ އެހީތެރިކަން، ކާރިސާތަކުގެ ވަގުތުތަކުގައި ދެއްވާފައިވާ އިންސާނީ އެހީއިން ފެށިގެން، ސަރުކާރު ހިންގުމާއި ޓެކްނިކަލް ޤާބިލުކަން އިތުރުކުރުމަށް ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، މުސްތަޤުބަލުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ.

ރައީސް ވަނީ މި ފާހަގަކޮށްލެވޭ ބައިވެރިވުމުގެ މައްޗަށް ބިނާކޮށް، އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު