މި އަހަރުގެ ތެރޭގައި އައިޖީއެމްއެޗްގައި ކާޑިއޯތޮރެސިކް ޚިދުމަތް ފުޅާކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.

ޑރ. ޝާހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެެވެ. އެކޮމެޓީގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޝާޙް ވިދާޅުވީ މިއަހަރު ތެރޭގައި ކާޑިއޯތޮރެސިކް ޚިދުމަތް ފުޅާކުރަން ނިންމާފައިވާކަމަށެވެ. މި ޚިދުމަތް ފެށުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ރާވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިކަމަށް ބޭނުންވާ ބޭރުގެ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް ޑރ. ޝާޙް ވިދާޅުވިއެވެ.

ކާޑިއޯތޮރެސިކް ސަރޖަން އަކީ ހިތާއި، ފުއްޕާމެއާއި، ކެއުމަށް ބޭނުންކުރާ ހޮޅިއާއި އަދި މައި ލޭހޮޅިތަކަށް ސަރޖަރީ ކުރާ މެޑިކަލް ސްޕެޝަލިސްޓެކެވެ. އެމީހުން މި ގުނަވަންތަކަށް ދިމާވާ އެކި ބާވަތުގެ ބަލިތައް ދެނެގަނެ، ފަރުވާދެއެވެ. މީގެ ތެރޭގައި އުފަންވާއިރު ހުންނަ ހިތުގެ މައްސަލަތަކާއި ފުއްޕާމޭގެ ކެންސަރު ހިމެނެއެވެ.

މީގެ އިތުރުން އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިހާރު ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވޯޑުތައް ރެނޮވޭޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާ ކަން ޑރ. ޝާހް ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮސެސް ނިމުމުން، މިހާރު ހުރި އެނދުތަކާއި ތަންތަނުން ލިބެން ހުރި ޚިދުމަތުގެ ފެންވަރު މިއަށްވުރެ ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޝާޙް ވިދާޅުވީ މި އަހަރުގެ ތެރޭގައި އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ޚިދުމަތް ވެސް ފެށުމަށް ނިންމާފައިވާ ކަމަށެވެ. މި ޚިދުމަތަކީ، ލޭ ހޮޅީގެ ބަލިތަކާއި އެހެނިހެން އާ ޑައިގްނޮސްޓިކް ކަންތައްތައް ހޯދައި ފަރުވާދިނުމަށް ބޭނުންވާ ކަމަކަށް ވާތީ، މިއީ ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްދޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ހޮސްޕިޓަލްތެރެއިން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި ޖެރިއެޓްރިކް ސަރވިސް (އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޚިދުމަތް) ވެސް އިންޓްރޮޑިއުސް ކުރާނެ ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ. މިއީ އެކި ކޮމްޕްލެއިންޓްސްތަކާ ގުޅިގެން ސްޕެޝަލް ހިސާބުގެ ދަށުން އެޑްމިޓްވާ މީހުންނަށް ހޮލިސްޓިކް އެޕްރޯޗްގެ ދަށުން ފަރުވާދިނުމުގެ މަސައްކަތް ރަނގަޅު ކުރުމަށްޓަކައި ކުރެވޭނެ ކަމެކެވެ.

މި ޚިދުމަތްތަކަކީ ރާއްޖޭގައި ލިބެން ހުރި ސިއްހީ ފަރުވާއަށް ބޮޑު ކުރިއެރުމެއް ގެނުވައި، ބޭސްފަރުވާއަށް ބޭރަށް ދާންޖެހޭ މީހުންގެ އަދަދު މަދުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން