ދަރުމަވަންތަ ހޮސްޕިޓަލަށް ސަރުކާރުގެ ދޮޅު އަހަރު ތެރޭގައި 294 އެނދު އިތުރުކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ބަލަހައްޓާ ބޯޑުގެ ސީއީއޯ އިބްރާހިމް ހަލީމް، ވިދާޅުވީ، މިދިޔަ ދޮޅުއަހަރުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލަށް 294 އެނދު އިތުރުކުރެވިފައިވާ ކަމަށެވެ. އެނދު އިތުރުކުރެވިފައިވަނީ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، ބޭނުންވާ ވަރަށް އެނދު އިތުރުވެފައި ނުވި ނަމަވެސް، މިދިޔަ ދޮޅުއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ހަވާލުވުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންނުކޮށް ހުރި ފަންގިފިލާތައް ބޭނުން ކުރަން ފެށުމާއެކު، 119 އެނދު އިތުރުކުރެވުނެވެ. މީގެ އިތުރުން، މީގެ ކުރިން ޖޫން މަހުގެ ތެރޭގައި 95 ބެޑްގެ ސާޖިކަލް ވިންގުގެ ތެރެއިން 75 ބެޑް ބޭނުންކުރަން ފެށި ކަމަށާއި، މި 75 ބެޑްވެސް ހިމަނައިގެން ދޮޅު އަހަރު ތެރޭގައި ޖުމުލަ 294 އެނދު އިތުރުކުރެވިފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން މި އެނދުތައް އިތުރުކުރުމުގެ ސަބަބުން ހޮސްޕިޓަލުގެ ޚިދުމަތްތައް ހަރުދަނާވެ، ޚާއްސަކޮށް ސާޖަރީތައް ހަދާ ބަލިމީހުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ. ސާޖަރީ ބަލިމީހުންނަށް ޚާއްސަކޮށްގެން ވަކި އޭރިއާއެއްގައި އެމީހުން އެޑްމިޓް ކުރެވޭގޮތް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ހަލީމް އިތުރަށް ވިދާޅުވީ، މިހާރު ދުވަސްވީ ސާޖިކަލް ވިންގުގެ ސާޖިކަލް ވޯޑުގެ ބައި އިތުރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެތަނުގެ ފަންކްޝަންވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. މީގެ ސަބަބުން ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް އިތުރު ހައްލެއް ލިބި، ރައްޔިތުންނަށް ލިބޭ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން