ސޮރީގެ ޕްރިމިއާ ނައިޓުގައި ލީޑު ތަރިން-
ސޮރީގެ ޕްރިމިއާ ނައިޓުގައި ލީޑު ތަރިން-
ދިވެހި ފިލްމު "ސޮރީ" ސްކްރީންގައި ދައްކަން ފެށީއްސުރެ ކިއުގައި ޓިކެޓު ވިއްކަމުން ގޮސް، މިހާރު ގާތްގަނޑަކަށް 32 ޝޯގެ ޓިކެޓު ވިކި ހުސްވެއްޖެއެވެ.

މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) މި ދާއިރާއާއި ދުރަށްޖެހި، ބޮޑު ބްރޭކެއް ނެގުމަށްފަހު ގެނެސްދިން ފުރަތަމަ ފިލްމެވެ.

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަށް، ބެލުންތެރިންގެ ބޮޑު އެއްބާރުލުމެއް ވަނީ ލިބިފައެވެ. މިދިޔަ ޖޫން މަހު 17 ގައި މި ފިލްމު ނެރުނީއްސުރެ، އަދިވެސް ފޯރިއަކަށް ބަދަލެއް ނާދެއެވެ. އެއް ފަހަރު ބަލައިގެން ނިންމާ ނުލެވޭ މީހުން ގިނަވެ، ހަތަރު ފަސް ފަހަރަށްވެސް ވަންނަ މީހުން އެބަ ތިއްބެވެ.

ފިލްމުގެ ޝޯތަކަށް ބާރުބޮޑުވެ، ހަފްތާ ބަންދުގެ ދުވާލު ޝޯތައްވެސް މިހާރު ވަނީ ދައްކަން ފަށާފައެވެ.

ފިލްމުގެ ޑައިރެކްޓަރު ނަހޫ ބުނީ މި ފިލްމު ބަލަބަލާ ތިއްބާ އޮލިމްޕަސް އިން ފިލްމު ނަގަން ޖެހިދާނެ ކަމަށެވެ. އެއީ އޮލިމްޕަހުން ލިބިފައިވާ މުއްދަތު ހަމަވާން ގާތް ވެފައިވާތީ ކަމަށް ނަހޫ ވަނީ ބުނެފައެވެ. އެހެންކަމުން ފިލްމު ފަހުން ބަލަން ނުތިބެ، އަވަހަށް ބަލާލުން ރަނގަޅު ކަމަށް ނަހޫ ވަނީ ބުނެފައެވެ.

ފިލްމުގެ ޝޯތައް ފޯރިއާއެކު އަތޮޅުތަކުގައި ދައްކަމުންދާއިރު، މި ހަފްތާ ބަންދުގައިވެސް 20 ވަރަކަށް ރަށުގައި ދައްކާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް މި ފިލްމު ގިނަ އަދަދެއްގެ މީހުން ބަލާފައިވާއިރު، ފިލްމަށް ލިބެމުންދަނީ ހުސް ތައުރީފެވެ.

'ސޮރީ' އެންމެ ބޮޑަށް އަޅާކިޔާލެވޭނީ ނަހޫގެ ފިލްމު 'ޒުލޭހާ' އާއެވެ. ޒުލޭހާ އަކީ އަދިވެސް ރާއްޖޭގައި އުފެއްދި އެންމެ މަގުބޫލު، އެންމެ އަސަރުގަދަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ. ޒުލޭހާ އިން ނަހޫގެ ދަރިފުޅު ނާޝް ލީޑް ރޯލަކުން ފެނިގެންދިޔަ އެވެ. އަދި ފިލްމު ސޮރީގައި، ނާޝްގެ ދަރިފުޅު އެވްލީ އާއި، ނާޝްގެ ކޮއްްކޮ އަދި ނަހޫގެ ދަރިފުޅު ލާލީގެ ކުޅަދާނަ އެކްޓިންގ ފެނިގެންދެ އެވެ.

ފިލްމު 'ސޮރީ' ގައި ނާޝްގެ އަޑުން ވަރަށް އަސަރުގަދަ ލަވައެއްވެސް ހިމަނާފައި ވެއެވެ.

މި ފިލްމު ބެލި ގިނަ ބައެއްގެ ލޯތަކުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔަކަމަށް އޮންލައިން ޕްލެޓްފޯމުތަކުގައި ލިޔެފައި ވެއެވެ. އަދި މީގެ އިތުރުން ޝޮކު ޖެހި ހިނދުކޮޅަކަށް ހަމަހިމޭން ވެފައި އިނދެވޭ ކަހަލަ ދަނޑިވަޅުތައްވެސް މީހުން ފާހަގަ ކޮށްފައި ވެއެވެ.

އަދި މި ފިލްމުގައި އެންމެ ބޮޑު ތައުރީފެއް ލިބިފައިވަނީ ހައިރާން ކޮށްލާފަދަ މޮޅު ހުނަރެއް ދައްކާފައިވާ އެވްލީ އާއި ލާލި އަށެވެ. ފުރަތަމަ ފިލްމުންވެސް މި ދެކުދިން ވަނީ އެންމެންގެ ހިތްތަކުގައި ޖާގަ ހޯދާފައެވެ.

ކޮންމެއަކަސް 'ސޮރީ' އަކީ ބަލާނުލާ ދޫކޮށްލެވޭނެ ވަރުގެ ފިލްމެއް ނޫނެވެ. އެހެންނަމަވެސް މިހާރު މި ފިލްމު ދައްކާ ނިމެނީއެވެ. މިހާރު ޓިކެޓު ހޯދަން ނޫޅޭނަމަ ދެން މި ފިލްމު ސްކްރީނުން ބަލާލުމުގެ ފުރުސަތު އެކީ ގެއްލިގެން ދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން