ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގެންފިއެވެ.

ސިންގަޕޫރަށް ރައީސް މުޢިއްޒު ކުރެއްވި މި ދަތުރުފުޅަކީ އެގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ. މި ދަތުރުފުޅުގައި، އެއް ޤައުމުން އަނެއްޤައުމަށް އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން، ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިންނާއި، ތިމާވެށީގެ ތަރައްޤީގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާ އެކު ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ. އަދި ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައި، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އޭ.ޕީ.އެމް އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

2025 ވަނަ އަހަރަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާ އަހަރުކަމަށް ވާތީ، ދެ ޤައުމުގެ 50 އަހަރުވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވާލައްވާފައިވާ ޚާއްޞަ ފޮތެއް، ރައީސް ވަނީ، ސިންގަޕޫރުގެ ރައީސަށް ހަދިޔާކުރައްވާފައެވެ. އަދި ރައީސް މުޢިއްޒު އާއި ރައީސް ތަރްމަން ޝަންމުގަރަނަމް ވަނީ، މި މުނާސަބަތާ ގުޅޭ ހަނދާނީ ސްޓޭމްޕް އިފްތިތާޙުކޮށްދެއްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި މޯލްޑިވްސް- ސިންގަޕޯރ ބިޒްނަސް ފޯރަމްގައި ދިވެހި ސަރުކާރުން ވަނީ، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އަގުވަޒަންކުރައްވައި އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފައެވެ. މި ފޯރަމްގައި ވަނީ، 2040 ވަނަ އަހަރަށް ދިވެހި ސަރުކާރުން ދެކޭ ތަޞައްވުރާ ގުޅުންހުރި ވުނަކުރުމުގެ ފުރުޞަތުތައްވެސް ހިއްސާކުރައްވާފައެވެ.

މި ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވާފައިވެއެވެ. އަދި މި ދަތުރުފުޅުގައި، އެ ޤައުމުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނާއި އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި، ޓުއަސް ޕޯޓާއި، ޕްރާނަކަން ދާރުލްއާސާރާއި، ސިންގަޕޯ ފުޑް އޭޖެންސީއަށް ޒިޔާރަތްކުރެއްވިއެވެ.

އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ އެ މަނިކުފާނު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ އެކު، އެ ގައުމާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، މިދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން