ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން-
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން-
ނިމިދިޔަ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖޫން މަހު ރާއްޖެއަށް 141،772 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި 123،284 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.1 މިލިއަން ފަތުރުވެރިންކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.01 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 9 އިންސައްތައިގެ އިތުރުވުމެކެވެ.

އަދި އެވްރެޖްކޮށް ދުވާލަކު 6،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަންވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

އަހަރުގެ މިހާތަނަށް އައިއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން 141،162 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 126،780 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން