އެމެރިކާ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި، ސަރުކާރަށާއި އަދި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

މި މުނާސަބަތާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސް މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހޫނު މަރުހަބާއެއް ރައްދުކުރައްވާފައިވެއެވެ. އަދި އެ ޤައުމަށް ދެމެހެއްޓެނިވި މިނިވަންކަމާއި ފާގަތިކަން އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

އެމެރިކާގެ މިނިވަން ދުވަހަކީ، 1776 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު، އިނގިރޭސިވިލާތުގެ ކޮލޯނިއަލް ވެރިކަމުން މިނިވަންވެ، މިނިވަންކަމުގެ ޑިކްލަރޭޝަން ތަޞްދީޤުކުރި ދުވަހުގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި އެންމެ މުހިންމު އެއް ދުވަހެވެ.

ދިވެހިރާއްޖެއާއި އެމެރިކާ އެކުވެރި ވިލާތާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނީ 1966 ވަނަ އަހަރުއެވެ. ދިވެހިރާއްޖެ މިނިވަންވުމާއެކު، އެމެރިކާއިން ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ބަލައިގަނެ، ރާއްޖެއަށް ޚާއްޞަ ސަފީރަކު ޢައްޔަންކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން