ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ފުރަތަމަ ފަހަރަށް އެއްކޮށް ދިއްލާލައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުރި އެކްސްގައި ޕޯސްޓެއްގައި ބުނީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ފުރަތަމަ ފަހަރަށް އެއްކޮށް ނަމާއެކު ދިއްލާލާފައިވާ ކަމަށެވެ. އެ ޕޯސްޓުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް އެއްކޮށް ދިއްލާލާފައިވާ މަންޒަރުގެ ފޮޓޯއެއް ވަނީ އާންމުކޮށްފައެވެ. އައު ޓާމިނަލްގެ ޢިމާރާތް މުޅިން ދިއްލާލާފައިވާ މަންޒަރަކީ ހިތްފަސޭހަކަމާއި އުފާވެރިކަން ގެނުވައިދޭ، ފަރުމާކުރުމުގެ ގޮތުން ވަރަށް ފުރިހަމަ ހިތްގައިމު މަންޒަރެކެވެ.

އާޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައެވެ. އެމަނިކުފާނުގެ ވެެރިކަން ނިމުނުއިރު އާ ޓާމިނަލްގެ ގާތްގަނޑަކަށް 54 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް، މި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދާ މި މަޝްރޫޢަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ މުހިންމު މަޝްރޫޢު ކަމުގައި ފާހަގަކުރެވެއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރު ދަނީ މި އެއަރޕޯޓު ހުޅުވުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެތައްޔާރީތައް ވަމުންނެވެެ. މި ގޮތުން، އެއަރޕޯޓުގެ މުވައްޒަފުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއެކު، އެއަރޕޯޓުގައި ބޭނުންކުރާނެ އެކިއެކި އާލާތްތަކާއި ވަސީލަތްތަކުގެ ޓެސްޓިންގ މަރުޙަލާތައް ވެސް މިހާރު ވަނީ ފަށާފައެވެ.

މިއީ މިހާރުގެ ޓާމިނަލަށްވުރެ ގުނަ އެތައް ގުނަ ބޮޑު، އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ޒަމާނީ އަދި ފުޅާ ޓާމިނަލެކެވެ. މި ޓާމިނަލްގައި އެއިރޯ ބްރިޖްތަކާއި، އަމިއްލައަށް ޗެކްއިން ކުރެވޭނެ ނިޒާމާއި، އޮޓޮމެޓިކް ދަބަސް ގެންގުޅޭ ނިޒާމުގެ އިތުރުން، އެންމެ ޒަމާނީ ވިޝުއަލް ޑޮކިންގ ގައިޑެންސް ނިޒާމުތަކުގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

މީގެ އިތުރުން އާ ޓާމިނަލްގައި ޖުމްލަ ހަ އެއިރޯ ބްރިޖް ހަރުކުރެވޭއިރު 47 ޗެކްއިން ކައުންޓަރާއި، ހަ އަމިއްލަ ޚިދުމަތް ދޭ ކިއޮސްކާއި، އެންމެ ޒަމާނީ ދަބަސް ގެންގުޅޭ ނިޒާމަކާއި، އަދި އެޑްވާންސް ސެކިއުރިޓީ ސްކްރީނިންގ ނިޒާމެއް ޤާއިމުކުރެވޭނެއެވެ.

އެވްރެޖްކޮށް ދުވާލަކު 8،000 ދަތުރުވެރިންނަށް ޚިދުމަތް ދެވޭ އާ ޓާމިނަލްގެ ޖުމްލަ ބޮޑުމިނަކީ 78،000 އަކަމީޓަރެވެ. ހަމައެއާއެކު ދަތުރުވެރިންގެ ފަސޭހައަށްޓަކައި، ޑިއުޓީ ފްރީ ފިހާރަތަކާއި ކެއުންބުއިމަށް ޚާއްޞަކުރެވިފައިވާ ރެސްޓޯރަންޓްތަކާއި ކެފޭތައްވެސް މި ޓާމިނަލްގައި ހިމެނޭނެއެވެ. މި ހުރިހާ ވަސީލަތްތަކާއެކު، މި ޓާމިނަލަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ، ރާާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ވަސީލަތަކަށް ވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން