ރިބާ އާއި ޖުވާގެ މުއާމަލާތްތަކުން ދުރުހެލިވެ، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ފައިސާގެ މުއާމަލާތްތައް ހިންގާ ބޭންކުތަކާއި މާލީ އިދާރާތަކަށް އިސްކަންދިނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ނަމާދުގައި ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިއްވުނު ހުތުބާގެ މައުޟޫއަކީ އިސްލާމްދީނުގައި އެންމެ ބޮޑެތި ކަމުގައި ބަޔާންވެގެންވާ ހަތް ފާފައިގެ ތެރެއިން އެއް ފާފަ ކަމުގައިވާ ރިބާ އާއި އޭގެ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ރިބާއަކީ މުދަލުގެ ބަރަކާތް ކަނޑުވާލާ، ދިރިއުޅުން ނުތަނަވަސްކުރުވާ އަދި އިންސާނާގެ ދަހިވެތިކަން އިތުރުކުރުވާ ނުރައްކާތެރި ވަބާއެއް ކަމުގައި ބަޔާންކޮށްފައެވެ.

ހުކުރު ޚުތުބާގައި ބުނީ، އިސްލާމްދީނުގައި އަޅުކަންތަކަށް އިސްކަންދީފައިވާ ފަދައިން، ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް ވެސް ވަރަށް ބޮޑަށް އިސްކަންދީފައިވާ ކަމަށެވެ. އެހެންކަމުން، އިންސާނާގެ ހަޔާތުގައި ކުރެވޭ ތަފާތު މުއާމަލާތްތަކާ މެދު ފަރުވާތެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުގައި، މި ބަވަނަވެފައިވާ ދުނިޔޭގައި މުޅި އިގްތިސާދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތްއިރު، މާލީ މުއާމަލާތްތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ހަރާމްކޮށްފައިވާ ކަންކަމުން ސަލާމަތްވުމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށެވެ.

އެގޮތުން ރިބާ ކާ މީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއް ވެސް ފާފަވެރިވާ ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ. އެގޮތުން މާތް ނަބިއްޔާ މުޙައްމަދު ﷺ ވަނީ ރިބާ ކާމީހާ އާއި ރިބާ ދޭ މީހާ އާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ލިޔާ މީހާ އާއި އެކަމަށް ހެކިވާ މީހުން ހިމެނޭ ގޮތަށް، އެ އެންމެނަކީ ފާފައިގައި ހަމަހަމަ ބައެއް ކަމަށާއި އެ އެންމެނަށް މާތްﷲގެ ލައުނަތް ހުރިކަން އިންޒާރު ކުރައްވާފައި ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ބުނީ، މީގެ ކުރިން މަޖުބޫރު ހާލަތުގައި ތިބެ ރިބާ ހިމެނޭ ލޯނުތަކާއި އިންޝުއަރެންސް ނަގަން ޖެހުނު ކަމުގައި ވިޔަސް، މިއަދު ވަނީ އިސްލާމީ އުސޫލުން ހިދުމަތްދޭ ބޭންކުތަކާއި ތަކާފުލް ކުންފުނިތައް ރާއްޖެއާއި ދުނިޔެއަށް ވެސް ތައާރަފުވެފައި ކަމަށެވެ.

އެހެންކަމުން، އިސްލާމީ ޝަރީއަތް ހުއްދަ ކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ބޭންކުތައް އެބަހުރި ކަމަށާއި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އެ މަގުން ދިއުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. ޚުތުބާގައި ބުނީ ރިބާ ހަރާމްކުރީ އެއިން ލިބޭ ގެއްލުމުން ފަރުދުންނާއި މުޖުތަމައު ސަލާމަތްކުރުމަށް ކަމަށެވެ.

ޚުތުބާގައި ބުނިގޮތުގައި ރިބާއަކީ މުދަލުގެ ބަރަކާތް ކަނޑުވާލާ އެއްޗެކެވެ.

"ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރަށް ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެެކެވެ." ޚުތުބާގައިވެއެވެ.

މީގެ އިތުރުން ކީރިތި ގުރުއާނުގައި ރިބާއާ ދުރުހެލިވުމަށް އަންގަވާފައިވާ އެތައް އާޔަތެއްވާކަން ވެސް ޚުތުބާގައި ފާހަގަކުރިއެވެ.

އެހެންކަމުން، ޚުތުބާގައި ނަސޭހަތްތެރިވީ ކެއުމުގައި ވެސް ހަލާލު ތަކެތި ހޯދުމަށް އިސްކަންދޭ ގޮތަށް، އެ ތަކެތި ގަތުމުގައި ވެސް ހަލާލު ފައިސާ ބޭނުންކުރުމަށެވެ. އަނބިދަރިންނަށް ކެއުމާއި އަންނައުނާއި ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު ރިބާގެ މުއާމަލާތުން ހޯދި ފައިސާ އިން އެތަކެތި ފޯރުކޮށް ނުދިނުމަށް ވެސް ޚުތުބާގައި އިރުޝާދު ދެއްވިއެވެ.

ދުނިޔެއަށް މިހާތަނަށް ކުރިމަތިވެފައިވާ ގިނަ އިގްތިސާދީ ކާރިސާތައް މެދުވެރިވީ ސަބަބަކަށް ރިބާވެފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. ރިބާގެ ސަބަބުން އިގްތިސާދީ ނަފާވެރިކަން މަދު ބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމައުގެ ތެރޭގައި އޮންނަން ޖެހޭ އިގްތިސާދީ އަދުލުވެރިކަން ނެތިކޮށްލާ ކަމަށް ވެސް ޚުތުބާގައި ބަޔާންކުރިއެވެ. އެ ސަބަބުތަކާ ހުރެ، ރިބާގެ ނުރައްކާތެރި ވަބާ އިން މުޅި އިގްތިސާދީ ނިޒާމު ސަލާމަތްކުރުމަކީ މިއަދު މުޅި މުޖުތަމައުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށް ޚުތުބާގައި ވަނީ ވަރަށް ބޮޑަށް ގޮވާލާފައެވެ.

ޚުތުބާ ނިންމަވާލަމުން ނަސޭހަތްތެރިވެފައި ވަނީ، ރިބާގައި ޝާމިލްވާ އެންމެން ފާފަވެރިވެ، މުދަލުގެ ބަރަކާތް ކެނޑޭ ކަމަށް ރިއާޔަތްކޮށް، އެންމެ ހެޔޮ ގޮތަކީ ޝައްކާއި ވަހުމް އުފެދޭ މުއާމަލާތްތަކުން މަންފާ ލިބިގަތުމާ ދުރުވެ، ޝައްކު ކަމެއް ނެތް ހުއްދަ މުއާމަލާތްތަކަށް ރުޖޫއަވުން ކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން