ސަރުކާރުން ބިންވެރިކާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ދީފައިވާ ފަރާތްތަކުގެ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ގާނޫނާއި ފުށޫ އަރާތީ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު ބިންވެރިޔާ ސްކީމްގެ ދަށުން އެތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓްރީތައް ސަރުކާރުން ވަނީ ބާތިލްކޮށްފައެވެ. އަދި އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހުގެ އެއްވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެއާއިއެކު އެ ގޯތީގެ އެއްބަސްވުންތަކަށް "ނުރައްކާތެރި" ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެެ.

އެކަމާ ގުޅިގެން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބުދު ﷲ މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ ކަމަށެވެ. ސަރުކާރުން ބިންވެރިކަމުގެ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ފަރާތްތަކުގެ އެއްބަސްވުމަށް ގެނެވުނު ބަދަލުތަކަކީ ޤާނޫނީ ގޮތުން ކޮންމެހެން ގެންނަންޖެހުނު ބަދަލުތަކެއް ކަމަށް މުޢްތަލިބު ވިދާޅުވިއެވެ.

"ބިިމާބެހޭ ގާނޫނު ( ގާނޫނު ނަންބަރު 2002-01) ގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ." މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނާގޮތުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހުންނަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ ކަމަށް އެ މާއްްދާގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު