ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އީޕޯޓަލް މެދުވެރިކޮށް އެއްގަމު އުޅަނދު ރާއްޖެ އެތެރެކުރުމަށް ހޯދަން ޖެހޭ ހުއްދަ ހޯދަން އެދެވޭނެކަމަށް އެވުޒާރާއިން ބުނެފި އެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ، އެ ވުޒާރާއިން ދޫކުރާ ހާއްސަ ހުއްދައެއް ލިބިގެން ނެވެ.

މިކަމާ ބެހޭގޮތުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި، ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ދޫކުރާ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި އެވުޒާރާގެ އީޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެގޮތް މިހާރު ހަމަޖެހިފައިވާކަން އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މިހިދުމަތަށް އެދޭ ފޯމު އެވުޒާރާގެ ވެބްސައިޓް އަދި ރިސެޕްޝަނުން ލިބެންހުންނާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެއިތުރުން، މިހިނގާ ޖުލައި 13 ވަނަ ދުވަހުގެ ފަހުން ރާއްޖެ އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށައަޅާއިރު، އެ އުޅަނދު ރާއްޖެ އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށައަޅަން ޖެހޭނެކަމަށްވެސް ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު