ކައުންސިލްތަކުގެ ބެލެނިވެރިފަރާތް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތައްޔާރުކުރާ ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތައް ކުރިމަގުގައި އާންމުކުރަމުން ގެންދަން ނިންމައިފިއެވެ.

ލޯކަލް ގަވަރނަންސް މިނިސްޓަރު އަދި އެލްޖީއޭގެ ބޯޑުގެ ރައީސް އާދަމް ޝަރީފް އުމަރު އެކްސްގައި މިއަދު ވިދާޅުވީ، އެލްޖީއޭއިން ތައްޔާރުކުރާ އިންކުއަރީ ރިޕޯޓުތަކުގެ ހުލާސާއެއް އާންމުކުރާގޮތަށް މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސެވީ އެލްޖީއޭގެ ޓްރާންސްޕޭރެންސީ އިތުރުކުރުމާއި، ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ގުޑް ގަވަރނަންސްގެ ހަމަތައް ދަމަހައްޓަން މަގުފަހި ކޮށްދިނުމަކީ ވެސް މިކަންކުރަން ނިންމި ބޭނުމެއްކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.



އެލްޖީއޭއިން އިންކުއަރީއެއް ހަދަނީ، ކައުންސިލަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށެވެ. އެގޮތުން، މިފަހުން ތިނަދޫ ސިޓީ ކައުންސިލަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން އެލްޖީއޭއިން ހެދި އިންކުއަރީއަކަށްފަހު، އެ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑު ވެސް ކޮށްފައެވެ.

އެ ކައުންސިލްގެ މެންބަރުންނަށް އިންކުއަރީގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި ކައުންސިލަރުން ވެސް އެލްޖީއޭގެ އިންކުއަރީގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ދެކޮޅު ހައްދަވައެވެ. އަދި އެ ބޭފުޅުން ސަސްޕެންޑުކުރި މައްސަލަ އެ ބޭފުޅުން މިހާރުވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.

އެ ބޭފުޅުން ވިދާޅުވަމުންދަނީ އެލްޖީއޭ އޮތީ ސިޔާސީ ވެފައި ކަމަށާއި ކުރަމުންދަނީ ސިޔާސީ ތުހުމަތު ތަކެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު