އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް, ފޮޓޯ: ޕީއެސްއެމް
އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް, ފޮޓޯ: ޕީއެސްއެމް
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި ވޯޓުލުމުގައި އެލްޖީއޭ ބޯޑުން ޖާގަ ހޯދާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ ދެ ކެންޑިޑޭޓުންނެވެ.

މި އިންތިހާބުގައި ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އައްޔަންކުރާ މެންބަރުގެ މަގާމު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް، ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދެވެ. އޭނާ މި މަގާމު ކާމިޔާބުކުރެއްވީ 312 ވޯޓު ހޯއްދަވައިގެންނެވެ.

އޭނާއާ ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރަށް ލިބިވަޑައިގަތީ 229 ވޯޓެވެ.

ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން އިންތިހާބުކުރި ގޮނޑި ޕީއެންސީއަށް ކާމިޔާބުކޮށްދެއްވީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ޒީނާ ވަނީ 79 ވޯޓު ހޯއްދަވާފައެވެ. މި މަގާމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔިޔަމް ނީނާއަށް ލިބިވަޑައިގަތީ 53 ވޯޓެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ސިޓީ/ރަށު ކައުންސިލަރުންނާއި ޑަބްލިއުޑީސީތަކުގެ ރައީސުން ހިމެނޭހެން ޖުމްލަ 807 ފަރާތަކަށް ލިބިފައިވެއެވެ.

މީގެއިތުރުން ސިޓީ ކައުންސިލްތަކުގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިހާބުކުރަންޖެހޭ މަގާމަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަގާމަށް އިންތިހާބުވެވަޑައިގަންނަވާފައެވެ.

ހަމައެއާއެކު، އޮގަސްޓް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަނީ ޖެންޑާ އީކުއަލިޓީގެ ދާއިރާއިން އާއިޝަތު އާރިފާ އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މުހައްމަދު އާރިފް އެލްޖީއޭ ބޯޑަށް އައްޔަންކުރުމަށް ފާސްކޮށްފައެވެ.

އެލްޖީއޭގެ ބޯޑުގެ ރައީސަކީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. ބޯޑުގެ ނައިބު ރައީސަކަށް ފާތިމަތު ނިއުމާ ހުންނެވިއިރު، ސީއީއޯއަކީ މުހައްމަދު ނިމާލެވެ. މީގެއިތުރުން ބޯޑު މެންބަރުންގެ ގޮތުގައި ފާތިމަތު ޒީނާ އަލީ، މުހައްމަދު އާޒާދު އަދި އަޒްހާ ޟަމީރު ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް