ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ދެ ބިލިއަން ޑޮލަރުން ރާއްޖެ ދަރުވާލި ޓާމިނަލެއްގެ ކްރެޑިޓް ނަގަން އުޅުމަކީ އަޖައިބެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި، ވީއައިއޭ ޓާމިނަލްގެ ބޮޑު ބައި ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އާ ޓާމިނަލް ހަދައި ނިންމުމުގެ ކްރެޑިޓް ނަގަން އެއްވެސް ބަޔަކު އުޅުމަކީ އަޖައިބެއް ކަމަށެވެ. އަދި އެއީ ދެ ބިލިއަން ޑޮލަރުން ރާއްޖެ ދަރުވާލި ޕްރޮޖެކްޓެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ދެ ބިލިއަން ޑޮލަރުން ރާއްޖެ ދަރައި، އަދި 15 އަހަރު ގެއްލިގެން ދިޔަ ކަމަކަށް ކްރެޑިޓް ނަންގަވާން އުޅުއްވަންވީ ސަބަބެއް ނުވިސްނޭ.” ރައީސް ނަޝީދު ވިދާޅުވި އެވެ.



ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، 1930 ގެ އަހަރުތަކުގައި ރާއްޖެ ދަރާފައިވަނީ، މޮޓަރުބޯޓެއް ގަންނަން ވެގެން ކަމަށާއި، އެކަމަށް ފަހިކުރުމަށް މަޖިލީހަށް ހުށައެޅި ބިލަކީ ތަޅުކީހާލި ބިލް ކަމަށް އޭރުގެ ބައެއް ސިޔާސީ ވެރިން ވިދާޅުވި ކަމަށެވެ.

“އިޝާރާތް އެ ކުރެއްވީ ޚަޒާނާގެ ތަޅަށް.” ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 1.5 ބިލިއަން ރުފިޔާ އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި ދީފައިވެއެވެ. އަދި އެ މުޅި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ދަޢުލަތުން ވަނީ ހޭދަވެފައެވެ.

މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ޖޫން 28، 2010 ގައި ވީއައިއޭގެ ހިންގުން 25 އަހަރަށް އިންޑިއާގެ ޖީއެމްއާރަށް ދޫކޮށްފައިވެއެވެ. ނަމަވެސް 2012 ވަނަ އަހަރު ޑރ. ވަޙީދުގެ ވެރިކަމުގައި އެއަރޕޯޓްގެ އެއްބަސްވުން ބާތިލު ކުރުމުން ބަދަލުގެ ގޮތުގައި ދަޢުލަތުން ޖީއެމްއާރަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ނޮވެމްބަރު 15، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދައްކައި ހަލާސްކުރިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ އެއްބަސްވުން ބާތިލްނުކޮށް ކުރިއަށް ގެންދިޔަނަމަ ދެ ބިލިއަން ޑޮލަރުގެ ދަރަނި ނޭޅި، އާ އެއާޕޯޓު އޮޕަރޭޓް ކުރާތާ 10 އަހަރު މިހާރު އޮންނާނީ ވެފައި ކަމަށެވެ.

އަންނަ ޖުލައި 26 ގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރު ވަމުންދާއިރު، ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ހުރީ ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު