އަނިޔާވެރި ގޮތަކަށް އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ) މަރާލާފައިވާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ތަހުލީލު ހެދުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓު މޯޓަމް ހެދުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގުން ނިންމާފައިވާކަމަށް ފުލުހުން މައުލޫމާތުދެެއެވެ.

ފުލުހުން ބުނީ އަބްދުއްރަޙުމާން ގޭގައި ނިދާފައި އޮއްވައި ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާކަމުގެ މައުލޫމާތު 13 ޖުލައި 2025 ގެ ދަންވަރު 01:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އަބްދުއްރަހްމާން ރޭ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ހުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެއެވެ. އެގޮތުން އޭނާގެ ބޮލުގައި އެއްޗަކުން ޖަހައި ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވާ ކަމަށް އޭނާގެ ހަށިގަނޑު ދުށް ބައެއް މީހުންނާއި ހަވާލާދީ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަބްދުއްރަޙުމާން މަރާލާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ ރަށަށް އަރާ ފައިބާ މީހުން މޮނިޓަރ ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު