މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް  ހީނާ ވަލީދު
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު
ގައުމެއްގެ ތަރައްގީއާއި ކުރިއެރުމުގެ ހަގީގީ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނީ، އުމްރާނީ ތަރައްގީއާ އެކުއެކީގައި އެ ގައުމެއްގެ އިންސާނީ ސިކުނޑިތައް ވެސް އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހި ތާރީޚު ދުށް އެންމެ އަގުހުރި ބަތަލު ދޮން ބަންޑާރައިން ގައުމުގެ ދިފާއުގައި ތެދުވެވަޑައިގަތީ އެއްވެސް މޮޅަކަށް ނުވަތަ ވެރިކަމުގެ ޝަރަފަކަށް އެދިވަޑައިގެން ނޫން ކަމަށެވެ. އެގޮތުން، ދިވެހި ތަހުތު އެމަނިކުފާނަށް އެރުވުމުން ވެސް އެކަމަށް އިންކާރު ކުރައްވައި، އަމާނާތްތެރިކަމާއެކު ހޮޅީންގެ ބަންދުގައި ހުންނެވި ދިވެހި ރަސްގެފާނަށް ވަފާތެރިކަން އަދާކުރެއްވި ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަމިއްލަފުޅަށް ވެރިކަން މިލްކު ކުރެއްވެން އޮތް ހިނދުގައި ވެސް އެ ރަދުންގެ ބޭފުޅަކު ތަހުތުގައި ބައިންދަވައިގެން ވެރިކަން ހިންގަވައިދެއްވުމަކީ، ދޮން ބަންޑާރައިންނަކީ ގައުމީ ބަތަލުންގެ އެންމެ މަތިވެރި މިސާލުކަން ހާމަކޮށްދޭ ހެއްކެއް ކަމުގައި ވެސް ވިދާޅުވިއެވެ.

ހުރަވީ ދުވަހަކީ ހޮޅީންގެ އަޅުވެތިކަމުން ދިވެހި ގައުމު މިނިވަންވި ތާރީޚީ ހާދިސާއާ ގުޅިފައިވާ ދުވަސްކަން ފާހަގަކުރައްވައި، ހީނާ ވިދާޅުވީ މިފަދަ ދުވަހެއްގައި ކޮންމެ ދިވެއްސަކު ވެސް މުހިންމު ފިލާވަޅުތަކަކުން އިބްރަތް ހާސިލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގައުމު އިސްކުރުމާއި، ގައުމުދެކެ ލޯބިވުމުގެ އިތުރުން، ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ ރިވެތި އަހުލާގީ ސިފަތައް ދެމެހެއްޓުމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ތަސައްވުރު ބިނާވެފައިވަނީ އުމްރާނީ ތަރައްގީގެ އިތުރުން އިންސާނީ ތަރައްގީގެ މައްޗަށް ކަމަށެވެ. އެގޮތުން، ގައުމުދެކެ ލޯބިވާ އަދި ގައުމީ ވިސްނުން އަށަގަނެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި "ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު" ފައްޓަވައިގެން މިހާރު ވެސް ކުރިއަށްދާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، މުޖުތަމައުގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ސިފަ އަށަގެންނެވުމަށް ހިންގާ "އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އަންނަ ހޮނިހިރު ދުވަހުގެ ރޭ ރަސްމީކޮށް އިފްތިތާހު ކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހީނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ "ވިޝަން 2040" ގެ އަމާޒަކީ ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ހިންގޭ އުމްރާނީ އަދި އިސްތިރާޖީ މަސައްކަތްތަކާ އެކުއެކީގައި ކުރިއަށްގެންދެވޭ އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ މިފަދަ ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން، ގައުމަށް ވަށާޖެހޭ ހަގީގީ ތަރައްގީ ގެނެސްދެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް