ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދާވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ. ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 09:30 ފެށިގެން މެންދުރު 01:30 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓު އޮފީހުން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށްވެސް އެ އިދާރާއިން ވަނީ ލަފާދީފައެވެ.



ކިޔުންތެރިންގެ ހިޔާލު