މުހައްމަދު ޝާޒް ވަލީދު
މުހައްމަދު ޝާޒް ވަލީދު
ރާއްޖޭގެ ބޭންކިންގ ނިޒާމު އިސްލާޙް ކޮށްގެން ނޫނީ މިނިވަން ވިޔަފާރި ފުޅާކުރެވޭނެ ގޮތެއްނެތް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ)ގެ ނައިބު ރައީސް އަދި ވިޔަފާރިވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވެއްޖެއެވެ.

ރިސޯޓް ލައިފްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒާ ވަލީދު މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި ޝާޒް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އުފެލެމުން އަންނަނީ ޒަމާނުއްސުރެ ރާއްޖޭގެ ބޭންކިންގ ނިޒާމު ރޭވިފައިވާ ގޮތުން ކަމަށެވެ.

އެގޮތުން ޤައުމީ ބޭންކުވެސް ފާހަގަ ކުރެވެނީ ސަރުކާރުގެ ރުހުން އޮންނަ ފަރާތްތަކަށް ފައިސާ ދޫކުރާ ތިޖޫރީއެެއްގެ ގޮތުގައި ކަމަށް ޝާޒް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބޭންކިންގ ނިޒާމަށް ބަދަލުތަކެއް ގެނެސްގެން މެނުވީ ރާއްޖޭގެ މިނިވަން ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތެއް ފެންނަން ނެތްކަމަށް ޝާޒް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު، ޒަމާނުއްސުރެން ރާއްޖޭގެ ބޭންކިން ނިޒާމު އޮތީ ސަރުކާރުގެ ބާރުގެ ދަށުގައި ތަޅުއެޅުވިފައި ކަމަށާއި، ނަމަވެސް ބޭންކިންގ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހެޔޮ އަގުގައި ޑޮލަރު ލިބުން ދަތިވަނީ ހަމައެކަނި ސަރުކާރުގެ މައްސަލައަކުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން ‎ޝާޒް ވިދާޅުވީ ދިވެހި ބޭންކުން ރިސޯޓުތައް ތަރައްޤީ ކުރުމަށް ލޯނު ދޫކުރާނަމަ ޤައުމަށް ލިބޭ ފައިދާ ބޮޑުވެ ޑޮލަރު ތާށިވެގެން އުޅެން ނުޖެހޭނެ ކަމަށެވެ. އަދި އޭރުން ދިވެހި ބޭންކުގައި ޑޮލަރު ވެސް ހުންނާނެކަން ޝާޒް ފާހަގަ ކުރެއްވިއެވެ.

ޝާޒް މިހެން ވިދާޅުވެފައިވާއިރު މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20.20 ރުފިޔާއަށެވެ. މިއީ މިހާތަނަށް ޑޮލަރުގެ ރޭޓު އެންމެ މައްޗަށް އެރި ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް