އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މަގުމަތީގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ، މިހާރު ގާނޫނުލްއުގޫބާތުގައިވާގޮތުން މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން، އަނިޔާ ލިބޭ މީހާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމަ، އެއީ ކުށެއްކަމަށް ބުނެފައި އޮންނަކަމަށެވެ.

ނަމަވެސް އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ފުރާނައަށް ނުރައްކާވާގޮތަށް އެއްގަމު އުޅަނދު ދުއްވުން ހިމަނާފައި ނުވާތީ މީކާއިލް ވަނީ އެފަދައިން ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ބެހޭ ބައި އިތުރުކުރުމަށް ހުށަހަޅުއްވާފައެވެ.

މިހާރު ގާނޫނުލްއުގޫބާތުގައި ހިމަނާފައިވަނީ، ގޮވާ ތަކެއްޗާއި ގެއްލުންހުރި ކެމިކަލްތައް ބޭނުންކުރުން، މެޝިނަރީއާއި އިންޖީނުން މަސައްކަތް، އިމާރާތްތައް ތަޅައި ގަސްތައް ކަނޑައި ވެއްޓުން، ޖަނަވާރު ގެންގުޅުން އަދި ކަނޑު އުޅަނދުފަހަރު އެހެލައި ބޭލުންފަދަ ކަންކަމެވެ.

މިފަދަ އިސްލާހެއް ހުށަހަޅުއްވާފައި މިވަނީ ރާއްޖޭގައި މި ދުވަސްވަރު މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނެތި ގޮސްފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު