ޑޮލަރުގެ އަގު މައްޗަށް ގޮސްފައިވަނީ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕްކޮށްގެއް ނޫން ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ގިނަ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން އަސަރުކުރަމުންދާތީ، މައި އިދިކޮޅު ޕާޓީ، އެމްޑީޕީން މިކަމާ ގުޅޭގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ފޮނުވި ސިޓީއަށް ޖަވާބު ދެއްވައިފައި ނުވާތީ، އެމްޑީޕީގެ މަޖިލީހުގެ މެންބަރުން މިއަދު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާ ބައްދަލުކުރަން ވަނީ ވަޑައިގެންފައެވެ. އެމްއެމްއޭއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ޑޮލަރުގެ އަގު މިހާރު މައްޗަށް ގޮސްފައިވަނީ ކުރީގެ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ޑޮލަރުގެ އަގަށް އަސަރުކުރާނަމަ، އެކަމުގެ ނޭދެވޭ އަސަރު ފެންނަން ފަށާނީ އޭރުގައި ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"އެއީ ދޮގެއް. އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕްކުރި ނަމަ، އެ އެއް އަހަރުގެ ތެރޭގައި އެ މައްސަލަ އަންނަންޖެހޭނީ. އޭގެ ހަތަރު އަހަރު ފަހުން މި މައްސަލަ އައުމަކީ އެއީކީއެއް އެކަމެއް ނޫން،" ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ މިހާރު ދިމާވެގެން މި އުޅެނީ މުޅިން އެހެން ކަމެއް ކަމަށެވެ. ފައިނޭންސް ދަންނަ ބޭފުޅުންނަށް މި ވެގެން އުޅޭ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"މި އުޅެނީ ފައިސާ ޗާޕްކޮށްގެން އުޅޭ މައްސަލައެއް ނޫން. މިހާރު މި އުޅެނީ ފައިސާ ޗާޕްކުރަންފެށިގެން އެ މައްސަލަ ބޮޑުކޮށް އިންނާނެ ފެންނަން. އެހެންނޫންތޯ؟ އަޅުގަނޑުމެންގެ ސަރުކާރުގައި އޭރު ޑޮލަރު ހުރީ 17.50 އަށް, މިއަދު އެކާވީހަށް (21) ބާވީހަށް (22) އަރަންޖެހޭނެ ސަބަބެއް އޮންނަންޖެހޭނެ. އެއީކީ ފައިސާ ޗާޕްކޮށްގެން އުޅޭ ކަމެއް ނޫން. އެއީ އެހެން މައްސަލައެއް. އަޅުގަނޑު ހަމަ އެކަން މި ދަނޑިވަޅުގައި ފާހަގަކުރަން،" ޣަފޫރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު