ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރަން ބާއްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި ކޮށްދެއްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އަންނަ ހުކުރު ދުވަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ޖުލައި 26، ގައި މޯދީ ރާއްޖެއިން ފުރާވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެއެވެެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނީ ބޮޑުވަޒީރު މޯދީ ކަމަށެވެ. އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާތަކުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެއެވެ. މީގެ އިތުރުން މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވިފައިވާ މިންވަރާ ގުޅޭ ގޮތުން މޯދީ އާއި ރައީސް މުހައްމަދު މުއިއްޒުއާ ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާއިރު ދެ ގައުމުގެ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް ޕްރޮޖެކްޓުތައް އިފުތިތާހު ކުރާނެ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުންޏެވެ. މިއީ އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރަށްވާ ތިން ވަނަ ޒިޔާރަތެވެ.



ކިޔުންތެރިންގެ ހިޔާލު