ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ.އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ.އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ގޮތަކަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުން ވެފައިވާ ހުރިހާ ވަޢުދެއް ފުއްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ކެނދިކުޅުދޫއާ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއް ފުއްދައިދިނުމަކީ ނުވަތަ އެ މަސައްކަތްތައް ފަށައިގަނެ ނިންމުމަކީ އެމަނިކުފާނުގެ ޢަޒުމެއް ކަމަށެވެ. މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރާ މަސައްކަތްތަކަށް ހުރި ޕްލޭން ކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި ތަރައްޤީގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ހަ މަސްދުވަހުގެ ތެރޭގައި ވެސް ވަރަށް ގިނަ މަސައްކަތްތައް ފެށިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ބާކީ ހުރި ހުރިހާ ވަޢުދެއްގެ ޢަމަލީ މަސައްކަތް އަންނަ އަހަރު (2025) ފެށޭނެ ކަމަށާއި، މި ކަންކަމަށް ދެ އަހަރުގެ މުއްދަތަށް ސަރުކާރުން ވަނީ ރޭވުންތައް ރާވައި، ބަޖެޓު ތަރުތީބުކޮށްފައި ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ހުރިހާ މަސައްކަތްތަކެއް ހުރިހާ ރަށެއްގައި ފެށުމަށް ދެ އަހަރުގެ ބަޖެޓު ރޭވިފައިވާއިރު، މި މަސައްކަތްތައް ނިންމާލުމަށް އަމާޒުކޮށްފައިވަނީ 2027 އަދި 2028 ވަނަ އަހަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އިޤުތިޞާދީ ގޮތުން ދިމާވެފައި ހުރި ދަތިތަކުން އަރައިގަތުމަށް އެއްވެސް ދަރަންޏެއް ދެއްކުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ގޮތަކަށް މި ޕްލޭންތައް ރާވައި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގެ ކަންކަން ތަރުތީބުކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ހެޔޮ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު