ކެނދިކުޅުދޫ، މެންގްރޫވް އައިލޭންޑް ގެ ގޮތުގައި ރައްޔިތުން އެދޭ ކޮންސެޕްޓަށް، އިކޯ ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ކެނދިކުޅުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު، ކެނދިކުޅުދޫ ސްކޫލް ހޯލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި ހުންނަ ގުދުރަތީ ރީތިކަމުގެ ފައިދާ އެރަށްރަށުންވެސް ބޭނުންވާނެ ކަމަށާއި އެ ހުރިހާ ކަމަކަށް ވިސްނާވަޑައިގެން، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ސަރުކާރުން އެކަމަށް ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.ކެނދިކުޅުދޫ ގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ ޞިއްޙީ މަރުކަޒަކީ ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށްވުމުން، މުވައްޒަފުން އިިތުރުކޮށް އިތުރު އެމްބިއުލާންސެއް ވެސް ހޯއްދަވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި ހަލާކުވެފައިވާ ފުޓްސަލް ދަނޑުވެސް މިއަހަރު އަލުން ހަދައި، ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްތެރޭގައި ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކެނދިކުޅުދޫގައި މިއަދު ފެށި އާރް.ޓީ.އެލް. ސްކޫލް ބަހުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް، ފްލީޓަށް އިތުރު ބަސް ގެނެސް ޚިދުމަތް އިތުރަށް ތަރައްޤީކުރައްވާނެކަމަށެވެ. އަދި

ކެނދިކުޅުދޫއަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ފުއްދަވައި ނިންމެވުމަކީ ޢަޒުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނ. ކެނދިކުޅުދޫ ނޭޗަރ ޕާކްގެ ވިޒިޓަރ ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ



ކިޔުންތެރިންގެ ހިޔާލު