ނ. މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ޙައްލު ގެނައުމަށް އެރަށުގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތާއެކު، މަގު ހެދުމުގެ މަސައްކަތްވެސް އަންނަ މަހު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ

އެމަނިކުފާނު މިހެން ވިދާޅުވީ މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެެ.

ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެރަށުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށެވެ. މީގެއިތުރުން، މަގުތައް ހެދުމުގެ މަޝްރޫޢުވެސް އެއާއެކު ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ފާއިތުވި ދޮޅު އަހަރުދުވަހުގެ ތެރޭގައި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލައްވަމުން، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މަގުތައް ފަހިކުރެއްވުމަށް މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ. މިގޮތުން، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމާއި، ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ރޭވިފައިވާ މަޝްރޫޢުތައް ހިންގުމަށް މަގުފަހިވެފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މަނަދޫގެ ނަރުދަމާ ނިޒާމުގެ މައްސަލަތަކަށް އަލިއަަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ރައްޔިތުން މި ދަތިތަކާ ކުރިމަތިލައްވާތާ 10 އަހަރެއްހާ ދުވަސްވެފައިވާކަމަށެވެ. އަދި މި މައްސަލައަށް ހަމައެކަނި އޮތް ޙައްލަކީ އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުންކަމަށާއި އެކަމަށް ބޮޑު ޚަރަދެއް ހިނގާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަނަދޫގެ ނަރުދަމާ ނިޒާމު އެއްކޮށް އައުކުރުމުގެ މަޝްރޫޢު އާރުޑީސީން އަންނަ މަހު ފަށާނެ ކަމަށެވެ. އަދި މި މަޝްރޫޢުއާއެކު މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މިހާރު ހުރި ނަރުދަމާ ނިޒާމުގެ ތެރެއިން ވަގުތީ ޙައްލެއް ހޯދުމަށް ފެނަކައިން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ސަރުކާރުން ދެއްވާފައިވާ ކަމަށެވެ. އެގޮތުން، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް، އައުޓްޑޯ ޖިމެއް، އަދި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް މަނަދޫގައި ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ. ރައީސް ވިދާޅުވީ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭރުގެ އެހީ ލިބިފައިވާކަމަށެވެ. މީގެ އިތުރުން، މި އަހަރު ތެރޭގައި މަނަދޫގައި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، މަނަދޫގައި ޔުނިވަރސިޓީ ކެމްޕަހެއް ޤާއިމުކުރުމަށް ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި އިސްލާމިކް މިިނިސްޓްރީ އިން މިހާރުވެސް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބިން ލިބުމާއެކު މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަނަދޫ ސްކޫލުގެ މަޝްރޫޢު އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އިސްކަންދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަކީ ޙައްލުކުރަންޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް، މި މައްސަލައަށް އެއްފަހަރާ ފުރިހަމަ ޙައްލެއް ގެނައުމަކީ ދަތިކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ފުރަތަމަ މަރުޙަލާގެ ގޮތުގައި މި އަހަރު ތެރޭގައި މަނަދޫގައި 50 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އިތުރު މަޝްރޫޢުތައް ހިންގަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު