ވެލިދޫ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް ޢަބްދުﷲ ޙުމައިދު، ސަރުކާރަށް ފާޑުވިދާޅުވެ އޭނާ ވަނީ އިސްތިއުފާ ދެއްވާފައި
ވެލިދޫ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް ޢަބްދުﷲ ޙުމައިދު، ސަރުކާރަށް ފާޑުވިދާޅުވެ އޭނާ ވަނީ އިސްތިއުފާ ދެއްވާފައި
ވެލިދޫ ދާއިރާގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް ޢަބްދުﷲ ޙުމައިދު (ޙުއްމު) މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައި، ޕާޓީގެ މެމްބަރޝިޕުން ވަކިވެވަޑައިގެންފިއެވެ.

މިކަން ޕީއެންސީ ގެ ނައިބު ރައީސް ޢަބްދުﷲ ޙުމައިދު ހާމަކުރެއްވީ، ވެލިދޫ ދާއިރާގެ ރައްޔިތުންނަށާއި، ދިވެހި އެންމެހައި ރައްޔިތުންނަށް އަމާޒުކޮށް ނެރުއްވި ބަޔާނެއްގައެވެ.

ޙުއްމު ނެރުއްވި ބަޔާނުގައި ވިދާޅުވީ މި ނިންމެވުމަކީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށާއި، މިއީ ޤައުމު ހިނގަމުންމިދާ މިސްރާބާމެދު ހުރި ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވުގެ ސަބަބުން ނިންމެވި ނިންމުމެއް ކަމަށެވެ. އެގޮތުން، ސަރުކާރުގެ މިސްރާބުހުރީ ޢާންމު ރައްޔިތުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާންޖެހި، ނިކަމެތިވެ ގަނަތެޅެންޖެހޭ ގޮތަށްކަމަށާއި މަދު ބަޔަކަށް ފައިދާވާ ގޮތަށް ކަމަށް ޙުއްމު ވިދާޅުވިއެވެ.

ބަޔާނުގައި ޙުމައިދު ފާހަގަކުރެއްވި ގޮތުގައި، ދިރިއުޅުމުގެ ޚަރަދުތައް ދަނީ ބޮޑުވެ ޚަރަދުބަރަދު ނުބެލެހެއްޓޭ މިންވަރަށް އިތުރުވަމުންނެވެ. އެގޮތުން ކާބޯތަކެއްޗާއި، ކުލި، ކަރަންޓު، ޞިއްޙީ ޚިދުމަތްތަކާއި އަދި ތަޢުލީމު ފަދަ އަސާސީ ބޭނުންތައް ވެފައިވަނީ އެތައް ޢާއިލާތަކަކަށް ކޮންމެ ދުވަހަކު ކުރިމަތިލާ ބޮޑު ގޮންޖެހުމަކަށްވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޙުއްމު ވިދާޅުވީ ގައުމުގެ މިސްރާބު މިހާރު ހުރިގޮތުން ޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ޒުވާނުންނަށް އަޅާނުލެވޭކަމަށާއި އެމީހުންވަނީ އަޅާނުލެވި ދޫކޮށްލެވިފައިކަމަށެވެ. އެގޮތުން ޒުވާނުންނަށް ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމަށް މާނަހުރި ފުރުޞަތުތަކެއް ނެތް ކަން ފާހަގަކޮށް ޙުއްމު ވިދާޅުވީ ޒުވާނުން ބިނާކުރުމަށް ފަހި ފުރުޞަތުތަކެއް އަދި އެފަދަ އެއްވެސް އެހީތެރިކަމެއް ލިބެމުންނުދާކަން މިއަދު ގިނަ ޒުވާނުން ބުނަމުންގެންދާކަމަށެވެ. އަދި ކުރިމަގާއިދޭތެރޭ ކުރަމުންއައި އުއްމީދުތައްގެއްލިގެން ދިޔުމުގެ ސަބަބުން މާޔޫސްވެފައިވާ ޒުވާނުން ގިނަކަން ހުންމު ފާހަގަކުރެއްވިއެވެ.

ޙުމައިދު އިތުރަށް ވިދާޅުވީ މި ސަރުކާރު ފެންނަމުން މިދަނީ ޢާންމު ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ޙަޤީޤަތާ ގުޅުން ކެނޑިފައިވާ ގޮތަކަށް ކަމަށެވެ. ސިޔާސަތުތައް އެކުލަވާލެވެމުންދަނީ ބަންދު ކޮޓަރިތަކުގައި، އެ ސިޔާސަތުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ މީހުންނާ މަޝްވަރާ ނުކޮށް ކަމަށާއި، އޭގެ ބަދަލުގައި، އެ ސިޔާސަތުތައް އަމާޒު ހިފާފައިހުރީ މަދު ބައެއްގެ މަޞްލަޙަތު ހިމާޔަތްކުރުމަށްކަމަށް އޭނާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އަދި އޭނާ ޢާންމު ޚިދުމަތަށް ނުކުތީ އިންސާފާއި، ފުރުޞަތުތަކާއި، އަދި އެންމެންގެ މަސްލަޙަތަށް ވަކާލާތުކުރުމަށް ކަމަށް ވިދާޅުވެ، ޙުއްމު ވިދާޅުވީ މިއަދު ޕާޓީގެ ކަންކަން ދަނީ އެއްވެސް ހަމައެއް ލަމައެއްނެތި އުޞޫލުން ބޭރުން ކަންކަން ނިންމަމުންނެވެ. އުޞޫލުން ބޭރުން ކަންކަން ކުރިއަށްދާއިރު އެކަމުގެ ބައިވެރިއެއްގެ ގޮތުގައި ހުރުމަކީ އޭނާގެ ޟަމީރު ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ޙުއްމު ބަޔާންކުރައްވާފައިވެއެވެ. ޙުއްމު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުން އެއްކިބާނުވާނެ ކަމަށާއި، މިއަށްވުރެ ވަރުގަދަކޮށް އަދި އިތުރު ހިއްވަރާ ވަރުގަދަ ޢަޒުމަކާއެކު އަނބުރާ އަންނާނެ ކަމަށެވެ. އެއީ ރައްޔިތުން އިސްކުރާ މަންޞަތެއްގައި ކަމަށާއި، އަޑުއަހައި، ހިމަނައި، އަދި މަސައްކަތްތެރިންނާއި، ނިކަމެތިންނާއި، އަޑުއިވިފައިނުވާ މީހުންނާއެކު ވަރުގަދައަށް ތެދުވާ މަންޞަތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ މަތީ ފަންތީގެ މީހުންގެ ޕާޓީއެއް ނޫން ކަމަށާއި ރައްޔިތުންގެ ޙަރަކާތެއްގައި ކަމަށް އޭނާ ބަޔާނުގައި ވިދާޅުވިއެވެ.

ޙުމައިދު ބަޔާނު ނިންމާލައްވަމުން ވިދާޅުވީ، އޭނާއާއެކު ތެދުވެ ތިބި އެންމެހައި ފަރާތްތަކަށް މިއީ ނިމުމެއް ނޫން ކަމަށާއި މިއީ މާ ރަނގަޅު އެއްޗެއްގެ ފެށުން ކަމަށެވެ. އަދި އޭނާވަނީ ރައްޔިތުން އޭނާއަށް ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު