ޤައުމިއްޔަތު އިސްކޮށްގެން ނޫނީ ރާއްޖެ އަށް ޙަޤީޤީ ތަރައްޤީ ނާންނާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫންކަމަށެވެ.

"ސިޔާސީ އޮއިވަރަކީ ޤައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން. ދިވެހިން އިސްކުރަންވީ ދިވެހިވަންތަކަން، އިސްލާމް ދީން، ދިވެހި ބަސް، އަމިއްލަވަންތަކަމާއި ޤައުމިއްޔަތު. އެކަން އިސްކޮށްގެން ނޫނީ، ކިތައްމެ މަގެއް، ބަނދަރެއް، ހޮސްޕިޓަލެއް އެޅިޔަސް، މި ބޭނުންވާ ބަދަލު ނުފެންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ތަރައްޤީ އަށް ކުރާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމުގައި ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުންގެ އެއްބާރުލުން މުހިންމުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވެޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުމާއެކު އެފަދަ މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށްގެންދެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ޚިޔާލުތަފާތުވިޔަސް، އެއްބާރުލުން ދެއްވުމަށް، އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޒާތީ، އަމިއްލަ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށެވެ. އަޅުގަނޑުމެންގެ ދަރީންނަށް ދިވެހި ޤައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، ޤައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު