އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މޯދީ އަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނުގެ ޝަރަފުގައި މިއަދު ރަސްމިއްޔާތެއް ބާއްވާނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ރާއްޖެއަށް ކުރަށްވާ ދަތުރުފުޅެކެވެ. މި ޒިޔާރަތުގައި، ބޮޑުވަޒީރު މޯދީ ރައީސް ޑރ. މުޢިއްޒާއެކު ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދަވަން ހަމަޖެހިފައިވެއެވެ. މި މަޝްވަރާތަކުގައި އަވައްޓެރި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަށްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި ދެ ލީޑަރުން ގިނަ އަދަދެއްގެ ފަހުމުނާމާތަކާއި އަދި އެއްބަސްވުންތަކެއްގައި ސޮއިކުރައްވައި، އެ ބޭފުޅުންގެ މަޝްވަރާތަކުގެ ނަތީޖާ ހާމަކުރައްވައި އެކުގައި ގުޅިފައިވާ ނޫސްބަޔާން ނެރުއްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އިންޑިޔާގެ ބޮޑުވަޒީރުގެ މި ތާރީޚީ ޒިޔާރަތަކީ ބޮޑުވަޒީރު މޯދީ އެމަނިކުފާނުގެ ތިންވަނަ ދައުރު ފެއްޓެވުމަށްފަހު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މި ޒިޔާރަތް ދިމާވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާއެވެ.



ކިޔުންތެރިންގެ ހިޔާލު