އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި ރަސްމީ މަޝްވަރާގެ ސަބަބުން ރާއްޖެއާއި އިންޑިއާ މުސްތަޤްބަލުގައި ގުޅިގެން މަސައްކަތްކުރާނެ މަގުޗާޓެއް ކުރެހިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރެވިފައެވެ. ދެ ޤައުމުގެ ވެރިން ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ ޤައުމެއްކަމަށެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ވެވުނު އެއްބަސްވުންސްވުންތަކުގެ ސަބަބުން މި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާއާއެކު ސޮއިކުރެވުނު 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެގްރީމަންޓް ބޭނުންކުރެވިގެންދާނީ އެންމެ މުހިންމު މަޝްރޫޢުތަކަށް ކަމަށެވެ. މީގެ ތެރޭގައި ދިފާޢީ، ކުޅިވަރު، ޞިއްޙީ، ތަޢުލީމީ އަދި ބޯހިޔާވަހިކަމުގެ ދާއިރާތައް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެ ވަޑައިގަތީ ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާ އުފާވެރި މުނާސަބަތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

"ބޮޑުވަޒީރު މޯދީއާއެކު ވަރަށް ފައިދާހުރި މަޝްވަރާތަކެއް ވަނީ ކުރެވިފައި، މި މަޝްވަރާތަކުގައި ދެ ޤައުމުގެ ގުޅުމުގެ ވަރުގަދަކަމާއި ކާމިޔާބީތަކަށް އަލިއަޅުވާލެވުނު. އަދި ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތުގެ މަގުޗާޓެއްވެސް އެކުލަވާލެވިފައިވާނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމުކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް އިޤްތިޞާދީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ފޯރުކޮށްދީފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އިންޑިއާގެ އެހީގައި ދިވެހިރާއްޖޭގައި އިމާރާތްކުރެވޭ ބްރިޖްގެ މަޝްރޫޢު ނިމުމާއެކު، މި މަޝްރޫޢު ވެގެންދާނީ ދެ ޤައުމުގެ ގުޅުމުގެ ވަރުގަދަ ހެއްކަކަށް ކަމަށެވެ. އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާއެކު ގާތް ގުޅުމެއް ދަމަހައްޓާ ޤައުމެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ދިމާވާ ހާދިސާތަކާއި ކާރިސާތަކުގައި އިންޑިއާއިން ފާހަގަކޮށްލެވޭ އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދެ ޤައުމުގެ މެދުގައި ބޭއްވުނު މަޝްވަރާތަކުން ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމު ގުޅިގެން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެ މަގުޗާޓެއް އެކުލަވާލެވިފައިވާކަން ފާހަގަކުރައްވަމުންނެވެ. މި ބައްދަލުވުންތަކުގެ ނަތީޖާއެއްގެ ގޮތުން، ދެ ޤައުމުގެ މެދުގައި އިތުރު ތަރައްޤީއާއި އެއްބާރުލުމުގެ ފުރުޞަތުތައް ހުޅުވިގެންދާނެކަމުގެ އުންމީދު ރައީސް ފާޅުކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު