އިންޑިއާ ސަރުކާރުން އެމްއެންޑީއެފަށް 72 ވެހިކަލް މިއަދު ހަދިޔާކޮށްފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާއިން ހަދިޔާކުރެއްވި އުޅަނދުފަހަރާ ހަވާލުވެވަޑައިގަތުމުގެ ގޮތުން ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި އުޅަނދުފަހަރު ރާއްޖެއަށް ހަވާލުކުރިކަމުގެ ރަމްޒީ ތަޅުދަނޑި ރައީސް މުޢިއްޒާ ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

މި އުޅަނދުފަހަރަކީ މި އަހަރުގެ ކުރީކޮޅު، ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހާއާއެކު ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ދިނުމަށް ނިންމާފައިވާ އުޅަނދުފަހަރެވެ.

އިންޑިއާއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ހަދިޔާކުރެއްވި އުޅަނދުފަހަރުގެ ތެރޭގައި ހިމެނެނީ:

27 ގޮނޑީގެ 8 ބަސް

10 ޕިކަޕް

10 ކުދި ވޭން

10 ވޭން

5 ލޮރީ

8 ޓްރެކްޓަރު

4 ޓިޕަރ ޑަމްޕް ޓްރަކް

4 ބެކްހޯ ލޯޑަރު

2 ކްރޭން

6 މިނީ އެކްސްކަވޭޓަރު

5 އެކްސްކަވޭޓަރު

އިންޑިއާ ސަރުކާރުން ބުނިގޮތުގައި މި އުޅަނދުފަހަރު ހަދިޔާކުރުމަކީ ދެ ޤައުމުގެ ދެމެދުގައި ވަރުގަދަވަމުންދާ ގުޅުމުގެ ރަމްޒެކެވެ. މި އުޅަނދުފަހަރުގެ ސަބަބުން ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އިންޑިޔާ ސަރުކާރުން ބުންޏެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި، މިނިވަން ވިޔަފާރި އަދި ޔޫނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި)ގެ ޚިދުމަތް ފެށުން ހިމެނޭގޮތަށް، އިންޑިއާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުން ދިވެހިރާއްޖެއަށް ހަމަޖައްސައިދެއްވާ 565 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކު އިންޑިއާއާއެކު ދިވެހިރާއްޖެއިން 8 މުހިންމު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު