ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާދަމާ ރޭ މާލެ ވަށައި 19 ދިމާލަކުން ހަ މިނެޓަށް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މާދަމާ ރޭ ކަނޑުގެ 16 ސަރަހައްދަކާއި އެއަރޕޯޓު ކައިރީގެ ތިން ސަރަހައްދެއްގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވާ އެރުވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނިގޮތުގައި، މިފަހަރުގެ ހަވާ އެރުވުމަކީ ތާރީޚީ ހަވާ އެރުވުމަކަށް ވުމާއެކު، އެކި ބާވަތުގެ ސަޕްރައިޒްތަކެއް ވެސް ހިމެނޭނެއެވެ. މީގެ އިތުރުން، ޑްރޯން ޝޯއެއް ވެސް ބޭއްވުމަށް ވަނީ ރޭވިފައެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް އެރުވުނު އެންމެ ތާރީޚީ ހަވާއަކީ، ޤައުމުގެ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބްރިޖު ހުޅުވުމަށް 2018 ވަނަ އަހަރުގެ އޮގަސްޓު 30 ވަނަ ދުވަހު ބޭއްވި ހަވާ އެރުވުމެވެ.

މާލެ ވަށައިގެން ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު، މިއީ ދިވެހިރާއްޖޭގައި މިހާތަނަށް މިފަދަ ބޮޑު ސަރަހައްދެއްގައި އެރުވޭ ފުރަތަމަ ހަވާ އެރުވުމެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ސަޢޫދީ ބިންލާދިން ގްރޫޕާ ދިވެހި ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރުއެވެ. 78،000 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ޓާމިނަލްގެ ޚިދުމަތް ފެށުމުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މި އައު ޓާމިނަލް އިމާރާތްކުރުމަށް 457 މިލިއަން އެމެރިކާ ޑޮލަރު (7 ބިލިއަން ދިވެހި ރުފިޔާ) ޚަރަދުވިއެވެ.



ކިޔުންތެރިންގެ ހިޔާލު