އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ހަދިޔާކޮށްފިއެވެ.

މިއަދު ހަވީރު ސަލްޓަންޕާކްގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ހަވާލުކޮށްދެއްވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ދިވެހި ސަރުކާރު ފަރާތުން އެ ދެ ހޮސްޕިޓަލާއު ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސް އޮފީހުން ބުނީ އިންޑިއާ ސަރުކާރުގެ ފަރާތުން ބޮޑުވަޒީރު މޯދީ ހަދިޔާކުރެއްވި މި ތަކެތިން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އިންޑިއާއިން ދެމުންގެންދާ އެހީތެރިކަން ކަމަށެވެ.

އާރޯގްޔަ މައިތްރީ ހެލްތު ކިއުބަކީ ދުނިޔޭގެ ފުރަތަމަ ކިއުބް އަސާސްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެއްތަނުން އަނެއް ތަނަށް އުފުލޭ ހޮސްޕިޓަލް ނިޒާމެކެވެ. މީގައި އައި.ސީ.ޔޫއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ލެބޯޓްރީ ޓެސްޓު ކުރުމުގެ އާލާތްތަކާއި، އެކްސްރޭ މެޝިނަކާއި، ކަރަންޓު ޖަނަރޭޓަރަކާއި އަދި އެހެނިހެން މުހިންމު ކުއްލި ނުރައްކަލުގެ ޞިއްޙީ ވަސީލަތްތައް ހިމެނެއެވެ. ކޮންމެ ޔުނިޓަކަށްވެސް 72 ގަޑިއިރަށް މިނިވަންކޮށް މަސައްކަތްކުރެވޭއިރު ކާރިސާއެއް ނުވަތަ ހާދިސާއެއްގައި 200 މީހުންނަށް ފަރުވާދެވޭނެއެވެ.

މި ދެ ޔުނިޓު ހިންގާނީ ޞިއްޙަތާބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސްއިންނެވެ. މިއާއެކު، ބޮޑެތި ހާދިސާތަކާއި ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަވަސް އަދި ހަރުދަނާ ގޮތެއްގައި ފަރުވާ ދިނުމުގެ ޤާބިލުކަން ރާއްޖެއަށް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު