މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސިފައިންނާއި ފުލުހުންނަށްޓަކައި ކަންކަން ކޮށްދެނީ ފަޚުރުވެރިކަމާއެކުގައި ކަމަށް ރައީސުލްޖުމަހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތު ބާއްވާފައިވަނީ، މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ކަމަށެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންއެވެ.

މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، އެމަނިކުފާނަށް ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަދުގެ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް، ފަޚުރުވެރިކަމާއެކު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި ދިވެހި ސިފައިންނާއި ފުލުހުން އަދާކުރަމުންދާ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، އެކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިފައިންގެ ތެރެއިން ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ލިބިވަޑައިގެންނެވި އަސްކަރީންނަށް މެޑެލް ހަވާލުކޮށް ދެއްވާފައެވެ. އަދި ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި މަތިވެރި ޚިދުމަތުގެ މެޑެލް ލިބިވަޑައިގެންނެވި ފުލުހުންނަށްވެސް އެމަނިކުފާނު ވަނީ މެޑެލް ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، އާއި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދެވި ރަސްމިއްޔާތު ނިންމާލުމުގެ ކުރިން، ސިފައިންނާއި ފުލުހުންގެ ޢަޒުމު އައުކުރުން އޮތެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހި ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން، ގިނަ ޢަދަދެއްގެ އަސްކަރީންނާއި ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު