ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: މޯލްޑިވްސްޓޫޜިޒަމް.ނެޓް
ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: މޯލްޑިވްސްޓޫޜިޒަމް.ނެޓް
ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފްކުރުމަށް ސަރުކާރުން ހުޅުވާލި ފަސް ރަށަށް އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޓޫރިޒަަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަލާލް ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި، ކޮންމެ ސަރަހައްދަކުން އެއް ރަށް އިންވެސްޓްމަންޓަށް ހުޅުވާލާފައިވަނީ މިދިޔަ މަހުއެވެ.

މި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު، ހދ. މަކުނުދޫ ފަރު، ށ. ފުށިފަރު، ތ. މާގުޅި އަދި ލ. ފޮނަގާދޫ އެވެ.

ހަލާލް ޓޫރިޒަމަށް ރަށްތައް ދޫކުރުމުގައި އިންވެސްޓަރުންނަށް ޚާއްޞަ ލުއިތަކެއް ދީފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އިކުއިޒިޝަން ފީ އާއި ކޮސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ޑިއުޓީވެސް 20 ޕަސެންޓާ ހަމައަށް މަޢާފުކުރެވޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިނިސްޓްރީން ބުނީ ހަލާލް ޓޫރިޒަމްގެ ދަށުން ތަރައްޤީކުރެވޭ ރިސޯޓުތަކުގައި އިސްލާމީ އަސާސްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވޭނެ ކަމަށެވެ. އެގޮތުން އެ ރަށްތަކުގައި ނަމާދުކުރެވޭނެ މިސްކިތްތައް ހުންނާނެ ކަމަށާއި، ބަނގުރަލާއި އޫރުމަހުގެ އެއްވެސް ބާވަތެއް މި ރަށްތަކަށް އެތެރެކުރުން މަނާވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން މުވައްޒަފުންގެ ހެދުން އެޅުންވެސް ހުންނަންވާނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އޮގަސްޓު މަހުގެ 4 ވަނަ ދުވަހާ ހަަމައަށް ޝައުޤުވެރިކަން ފާޅުކުރެވޭނެ ކަމަށާއި، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު