އިންޒާރު ޖަހާފައިވާ ސިނގިރޭޓު ފޮށިތަކެއް- ފޮޓޯ: ވޮކްސް.ކޮމް
އިންޒާރު ޖަހާފައިވާ ސިނގިރޭޓު ފޮށިތަކެއް- ފޮޓޯ: ވޮކްސް.ކޮމް
އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ސިއްޙަތުގެ އިންޒާރު ސީދާ ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ދުންފަތުގެ ބާވައްތައް ޕެކެޓްކޮށް ލޭބަލް ޖެހުމަށް "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނޫ" އަދި އެ ޤާނޫނުގެ ދަށުން އާންމުކޮށްފައިވާ "ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން އާންމުކޮށްފައިވާ ގަވާއިދު"ގެ ފަސްވަނަބާބުގައި ބަޔާންކުރާގޮތުގައި ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވައްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވައްތައް ހިމެނޭ އުފެންދުންތައް ހުންނަންވާނެ ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ދުންފަތުގެ ބާވައްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއަރމަންޓުސް ފޮރ ހެލްތު ވޯރނިންގ"ގެ ފުރަތަމަ އިސްލާހު 29 ޖުލައި 2025 ގައި ގެޒެޓްކޮށްފައިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި އުސޫލަށް އިތުރު ކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސް އާއި ނިކޮޓީން ޕައުޗު ހިމެނޭކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

އެޗްޕީއޭއިން ބުނީ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ ތެރެކުރެވޭނީ ސިއްހަތުގެ އިންޒާރު ސީދާ ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެންކަމަށެވެ. އަދި މިގޮތައް އަމަލު ކުރަން ފަށާ ތާރީހަކީ އަންނަ އަހަރުގެ ޖަނަވަރީ 28 ކަމަށްވެސް ބަޔާނުގައި ވެއެވެ.

މި ތާރީޚުގެ ފަހުން އެ އުސޫލުގައިވާ ގޮތް ނޫން ގޮތްތަކަށް ޕެކެޓްކޮށް ލޭބަލް ކޮށްފައިވާނަމަ ޤާނޫނާއި ޤަވައިދުގެ މަތީން އަމަލު ކުރެވޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާޙު ގެނެސް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. މިޤާނޫނާއެކު ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ބޭނުންވާ މުހިއްމު ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ދުންފަތާއި ގުޅޭ ވިޔަފާރިކުރާ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން، ސިއްޙަތާ ބެހޭ ވުޒާރާއިން ދޫކުރާ ވަކި ސައްޙަ ލައިސެންސެއް އޮންނަންޖެހޭނެކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް