ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު
ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ މާލީ ބާރުވެރިކަން ބޭނުންކުރަމުން ގެންދަނީ ޒިންމާދާރުކަމާ އެކުކަން ކަށަވަރު ކުރުމަކީ ނިޒާމު ހަރުދަނާވެގެން ދާނެކަމެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ.

އެގޮތުން، ކައުންސިލްތަކަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާގޮތަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫޢުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ޙަޤީޤީ މާނައިގާ ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން، ވީރާނާ ވެފައިހުރި 105 ކައުންސިލް އިދާރާ، އިމާރާތް ކޮށްދެއްވުމަކީ ސީދާ ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުންދާ ކަންކަން. ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ.



އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، މާލީ ބައެއް ކަންކަން ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު މިއަދު ފާސްކޮށްފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކާއި ބައެއް ކައުންސިލްތަކުން ވެސް ގާނޫނަށް ގެނައި އެ އިސްލާހާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް އިސްލާހު ފާސްކުރުމަށްފަހު މަޖިލީހުގެ ޕީއެންސީގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މި އިސްލާހުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް އިތުރު ފުރިހަމަކަމެއް އަންނާނެކަމަށެވެ. އަދި އެމްޑީޕީން ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރަން މަސައްކަތް ކުރަން ވަކާލާތު ކުރިނަމަވެސް އެމްޑީޕީގެ ސަރުކާރުގައި ފެނިގެން ދިޔައީ ކައުންސިލްތައް ނިކަމެތިވެގެން ދިޔަތަންކަމަށް ވެސް އެ މެންބަރުން ދަނީ ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް