ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ބިލު ފާސްކުރީ ރައްޔިތުން ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ. އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބައެއް ބާރުތަށް ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.

އެބިލް މަޖިލީހުން ފާސްކޮށް ތަސްދީޤުކުރުމަށް ރައީސަށް މިހާރު ވަނީ ފޮނުވާފައެވެ. ބ.އަތޮޅަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން ކެންދޫ ރައްޔިތުންނާއި މިއަދު ހަވީރު ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ މަނިކުފާނާއި ސަރުކާރުގެ ފަލްސަފާއަކީ ވެސް ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށާއި، އެއީ ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމެއް ކަމަށެވެ. މާލޭގައި ފުޅާ ދާއިރާއެއްގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަސައްކަތްކުރައްވާފައި ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން، މި ނިޒާމުގެ މުހިންމުކަމާއި، އޭގެ ފައިދާތަކާއި، އެކަން ކުރެވޭނެ ގޮތާއި، ދިމާވާ ހުރަސްތައް އެނގިވަޑައިގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނަށް މިހާރު ގެނެވުނު އިސްލާހުގެ އެންމެ ބޮޑު މަޤްޞަދަކީ ވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރިކުރުމެވެ. ބައެއް ކައުންސިލްތަކުން ލިބޭ ބްލޮކް ގްރާންޓާއި، އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ، ޒިންމާދާރުކަން ކުޑަކޮށް، ރަށު ތަރައްޤީއަށް ނުވަތަ މުނިސިޕަލް ޚިދުމަތްތަކަށް ހޭދަނުކޮށް، ބޭކާރު ދަތުރުތަކަށާއި އެހެން ކަންކަމަށް ހޭދަކުރަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.



"ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަކޮށް ބްލޮކް ގްރާންޓް ގޮތުގައި ދޭ ފައިސާއާއި އަދި އާމްދަނީ ގޮތުގައި ހަމަ އޮންނަ އުސޫލުގެ ތެރެއިން ހޯދާ ފައިސާ ވެސް ބޭނުންކުރާ ގޮތް އަޅުގަނޑަށް އެނގޭ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ކައުންސިލްތަކުން ތަޖުރިބާ ހޯދުމުގެ ނަމުގައި، މުޅި ކައުންސިލް ޓީމު ގޮވައިގެން ރަށްރަށަށާއި ޤައުމުތަކަށް ދަތުރުކުރާ ކުރުން އެއީ ރައްޔިތުންނަށް ފައިދާއެއް ނުލިބޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ މިސާލެއްގެ ގޮތުން، މިއަދު ކޮންމެވެސް އަތޮޅު ކައުންސިލެއް މުޅި ކައުންސިލް އޮތް ގޮތަށް ބޭރަށް ވަޑައިގެންފައިވާކަމުގެ ޚަބަރު އާންމުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ދަތުރުތަކަށް ފައިސާ ހޭދަކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށާއި، ކައުންސިލްތަކަށް ބްލޮކް ގްރާންޓާއި އާމްދަނީ ހޯދުމުގެ ފުރުޞަތު ދީފައިވަނީ ރަށުގައި ކުރަން ހުންނަ މުނިސިޕަލް ޚިދުމަތްތައް ދިނުމަށާއި، ރަށަށް ބޭނުންވާ ކަންކަމަށް އިންވެސްޓްކުރުމަށް ކަމަށް ރައީސް ހަނދާންކޮށްދެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން، ކައުންސިލްތަކުން އުފައްދާ "ލޯކަލް އޮތޯރިޓީ ކުންފުނި" ތަކުން، އާންމު ރައްޔިތުން ކުރަމުންދާ ކުދިކުދި ވިޔަފާރިތަކާ ވާދަކުރުން ހުއްޓުވޭނެ ކަމަށެވެ.

"ކިހިނެއް ރައްޔިތުން ބާރުވެރިވެވޭނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ކައުންސިލެއް ހަދައިގެން އެއްކަލަ އާންމު ރައްޔިތުން ކުރާ ވިޔަފާރި ތެރެއަށް ވަނީ، ރައްޔިތުން ވިޔަފާރި ގެއްލެނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ގެނެސްފައިވާ އިސްލާހުން ބޮޑެތި ވިޔަފާރިތައް ކައުންސިލް ކުންފުނިތަކަށް ކުރެވުނު ނަމަވެސް، ކުދި ވިޔަފާރިތަކަށް އެ ކުންފުނިތަކުން ނުވަންނާނެ ގޮތަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

ރައީސް ވަނީ ކޮންމެ ޕާޓީއަކުން އިންތިޚާބުވެފައި ހުއްޓަސް، ކައުންސިލްތަކުން އިޚްލާޞްތެރިކޮށް އަދި ޒިންމާދާރުކޮށް، ސަރުކާރާ އެކީގައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ގާނޫނުގައި ކައުންސިލްތަކުގެ ޒިންމާތަކާއި ބާރުތައް ވަރަށް ތަފްޞީލުކޮށް ބަޔާންކުރެވިފައިވާ ކަމަށާއި، ލިބޭ ފައިސާ ހޭދަކުރަންޖެހޭނީ އެ ކަންކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ފަޅީގައި، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރަމުން ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް މި އައީ އެގޮތަށް ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އިރާދަކުރެއްވިއްޔާ އެގޮތަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު