ހިއްކާފައި ހުރި ބިންތަކަށް ބޭނުންވާ ޔުޓިލިޓީޒް ގާއިމުކޮށްދިނުމާއި، އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ ނިއު ޕޮލިސީ އިނިޝިއޭޓިވް ޕްރޮގްރާމެއް ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަންނަ އަހަރު ބަޖެޓު ފާސްކުރާއިރު މި ޚާއްޞަ ޕްރޮގްރާމު ހިމަނާނެ ކަމަށާއި، އޭގެތެރެއިން އެންމެ އިސްކަމެއް ދެވޭނީ އާބާދީއާއި ތަރައްޤީ އެއްފަސްކުރެވިފައިވާ ރަށްތަކަށް ކަމަށެވެ. އެއަށްފަހު އާބާދީ ބޮޑެތި ރަށްތަކަށް އިސްކަންދެވިގެން ގޮސް، މިގޮތަށް ތަރުތީބު ކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގެ ތެރޭގައި އޭދަފުއްޓަށް ހަމަ އެންމެ އިސްކަމެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރުވެސް މި މަޝްރޫޢުގެ ބައެއް ފޭސްތައް ފެށޭތޯ ބައްލަވައި، ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ ޔަޤީނުންވެސް މި އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގެ ތެރޭގައި ހިއްކި ބިންތަކަށް ބޭނުންވާ ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމާއި، މަގުތައް ހިމެނޭ ގޮތަށް ވަރަށް ބިޔަ ބޮޑު ޕްރޮގްރާމެއް ހިންގުމަށް ހިމެނޭނެ ކަމަށް ރައީސް ވަނީ ޔަޤީންކަން ދެއްވާފައެވެ.

މި ޕްރޮގްރާމުގެ ދަށުން ވަރަށް ގިނަ ރަށްތަކެއް ކަވަރު ކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން މިކަން ކުރިއަށް ގެންދަން ނިންމާފައިވަނީ މިގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އޭދަފުށީގެ ތަރައްޤީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވަޢުދުތަކަށް އިޝާރާތްކުރައްވައި، އެވަޢުދުތަކާ ގުޅުންހުރި ގިނަ ދާއިރާތަކުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ ރޭގެ ޖަލްސާގައި ރައީސް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، 1000 ހައުސިންގ ޔުނިޓު ޤާއިމުކުރުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވައި، މި ދައުރުގެ ތެރޭގައި ނިންމަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިމޭނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރައްވާކަމަށާއި، އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ޤާއިމުކުރެއްވުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މި އަހަރުގެ ތެރޭގައި ޔޫ.އެސް ޑޮލަރުގެ ޚިދުމަތް ދޭ އޭ.ޓީ.އެމް އެއް ޤާއިމުކޮށްދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަލަށް ގޯތި ދޫކުރާ ސަރަޙައްދަށް އެކްސްޓެންޝަން ހިމެނޭ ގޮތަށް، ރަށުގެ ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް، މި އަހަރާއި އަންނަ އަހަރު ވުނަކުރައްވާނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭދަފުށި ވެސް ހިމެނޭހެން، ކޮންވެންޝަން ސެންޓަރުތައް ޤާއިމުކުރައްވާނޭކަމަށް ވަޢުދުވެވަޑައިގެންފައިވާ ރަށްރަށުގައި، އަންނަ އަހަރު އެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެ ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އޭދަފުށީގައި މިއަދު ވަނީ އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ. އަދި ރޭގެ ބައްދަލުކުރެއްވުމުގައި ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށީގައި ޤާއިމުކުރެއްވުމުގެ އެއްބަސްވުމުގައްޔާއި ބ. އަތޮޅު ހޮސްޕިޓަލުގެ އާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ތަފްޞީލުދެއްވި، ޤައުމީ ތަރައްޤީގެ ރޭވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި އެ ކަންކަން ތަންފީޒުކުރެވި ޤާއިމުކުރެވިގެންދިއުމާއެކު، ޚިދުމަތްތައް ލާމަރުކަޒުވެ، ރައްޔިތުންނަށް ޙަޤީޤީ ބާރުވެރިކަން ކަށަވަރުވެގެންދާނޭކަން ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު