މިދިޔަ އަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި ހުރިހާ ކައުންސިލުތަކަށް ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި އޭގެތެރެއިން ދެބައިކުޅަ އެއްބައި ވެސް ބޭނުންކޮށްފައިނުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެެވެ.

ބ. އޭދަފުށީ ރައްޔިތުންނާއި ރޭ ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ދެއްވި މަޢުލޫމާތަށް ބިނާކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި ދިވެހިރާއްޖޭގެ އެންމެހައި ކައުންސިލުތަކަށް ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މި ފައިސާ ދޫކުރެވިފައިވަނީ ކައުންސިލުތަކުން ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެން ނަމަވެސް އަހަރު ނިމުނުއިރު މި ފައިސާއިން ޚަރަދުނުކޮށް ކައުންސިލުތަކުގެ އެކައުންޓުތަކުގައި ޖުމްލަ 1.4 ބިލިއަން ރުފިޔާ ބާކީ ހުރި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބްލޮކް ގްރާންޓުގެ ފައިސާ ކައުންސިލުތަކަށް ދޫކުރެވެނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުނިސިޕަލް ޚިދުމަތްތައް އެންމެ ފެންވަރު ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެންނަމަވެސް، އަހަރު ނިމުނުއިރު މި ފައިސާގެ ދެބައިކުޅަ އެއްބައި ޚަރަދުނުކޮށް ހުރިކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

"ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ދޫކުރި ފިނޭންސް މިނިސްޓްރީން. އަހަރު ނިމުނު އިރުގައި، އުސޫލެއްގެ މަތިން ކޮންމެ ކައުންސިލެއް ވެސް އެ ކައުންސިލަކަށް ދީފައިވާ ބްލޮކް ގްރާންޓު ހޭދަކުރަން ޖެހޭނެ ރައްޔިތުންނަށް ހިދުމަތްކުރުމަށް، މުނިސިޕަލް ހިދުމަތްދޭން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވަނީ ބައެއް ކައުންސިލުތަކުން ބްލޮކް ގްރާންޓުގެ ފައިސާ ބޭނުންކޮށްގެން ތަޖުރިބާގެ ދަތުރުތަކުގެ ނަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރަށްވާފައެވެ. އަދި މި ދަތުރުތަކަކީ ދިވެހިރާއްޖޭގެ ކައުންސިލުތަކުގެ މާޙައުލަށް ނުވަތަ ރައްޔިތުންނަށް މަންފާކުރަނިވި ތަޖުރިބާއެއް ލިބޭނެ ދަތުރުތަކެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މިފަދަ ދަތުރުތަކަށް ފައިސާ ހޭދަކުރުމުގެ ބަދަލުގައި، ބްލޮކް ގްރާންޓުގެ ފައިސާ ރައްޔިތުންނަށް ސީދާ މަންފާކުރަނިވި ގޮތުގައި ޚަރަދުކުރުމަށް ކައުންސިލް ތަކަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު