ގައުމުގެ މިސްރާބު މިހާރު ހުރީ މީގެ 21 އަހަރު ކުރިން އޮގަސްޓް 12 އަދި 13 ވަނަ ދުވަހު ހިނގި ކަޅު ހުކުރުގެ ނުރައްކާތެރި ހާލަތުގައި ކަމަށް ވިދާޅުވެ، އެ ދުވަހުގެ ހަރަކާތުން ހިތްވަރު ލިބިގަނެ، މިއަދާއި މާދަން ސަލާމަތް ކުރަން މަސައްކަތް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ގޮވާލައްވައިފިއެވެ.

ފައްޔާޒު މިހެން ވިދާޅުވީ އޮގަސްޓް 12، 13 ހާދިސާ އާއި ގުޅިގެން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ، އަޅުގަނޑުމެން މިއަދު މި ދެކޭ ގާނޫނުއަސާސީއާއި، މިހާރު ލިބިފައިވާ ހައްގުތައް ލިބިގެން ދިޔައީ މީގެ 21 އަހަރު ކުރިން މިދުވަހު، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތޮށިގަނޑު ފަޅާލާފައި ނުކުމެ ކުރި އިހުތިޖާޖާއި އަޑުއުފުލުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

އޮގަސްޓް 12 އަދި 13 ވަނަ ދުވަހުގެ ހަނދާން އާކުރައްވަމުން ފައްޔާޒު ވަނީ، އެ ދުވަހުގެ ނުރައްކާތެރި ހާލަތާ ކުރިމަތިލައި، އެ ހާލަތުގެ މައްޗަށް ކުޅިފަސް ހޯދުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހައި ބޭފުޅުންނަށް ހައްގު ޝުކުރާއި ތައުރީފު އަރިސްކޮށް، އެ ބޭފުޅުންގެ މަތިން ހަނދާންކުރައްވާފައެވެ.

ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އޭގެ 21 އަހަރު ފަހުން އަނެއްކާވެސް، ގައުމުގެ މިސްރާބު ހުރީ އޭރުގެ ހާލަތަށް ކަމަށެވެ. އެހެންކަމުން، އެ ދުވަހުގެ ހަރަކާތުން ހިތްވަރު ލިބިގަނެ، އަޅުގަނޑުމެން މިއަދާއި މާދަމާ ސަލާމަތްކުރުމަށް، މިއަދުގެ ހާލަތަށް އެކަށޭނަ، އަދި ނަތީޖާ ނެރެވޭނޭ އުސޫލަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.

މީގެ 21 އަހަރު ކުރިން 2004 ވަނަ އަހަރުގެ އޮގަސްޓް 12 އަދި 13 އަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާއި ދެކޮޅަށް ވަރުގަދަ ސިޔާސީ ހަރަކާތްތަކެއް ހިންގި ދެދުވަހެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރާއްޖޭގެ ސަރުކާރަކާ ދެކޮޅަށް އެންމެ ގިނަ ބަޔަކު ބައިވެރިވެ، ރައްޔިތުންގެ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ކުރި އެންމެ ބޮޑު މުޒާހަރާއެވެ.

ޖުމްހޫރީ މައިދާނުގައި ފެށި މި މުޒާހަރާގެ ބައިވެރިން ފުރަތަމަ އެދުނީ މައުމޫނު ސަރުކާރުން ހައްޔަރުކުރި އިސްލާހީ މަސައްކަތްކުރާ ފަރާތްތައް ދޫކޮށްލުމަށެވެ. ނަމަވެސް މުޒާހަރާ ބޮޑުވަމުން ގޮސް ސިޔާސީ ވަރުގަދަ ހަރަކާތަކަށް ބަދަލުވެ، ރައީސް މައުމޫން އިސްތިއުފާ ދެއްވުމަށް ގޮވާލަން ފެށިއެވެ. ގާތްގަނޑަކަށް 22 ގަޑިއިރަށް ދެމިގެންދިޔަ މި މުޒާހަރާ ނިމިގެންދިޔައީ، ސިފައިން ރައްޔިތުންނަށް ދަނޑިބުރި އަދި ކަރުނަ ގޭސް ބޭނުންކޮށްގެން ހަމަލާދީ ގިނަ ބަޔަކަށް އަނިޔާ ލިބުމަށްފަހުއެވެ.

މި ހާދިސާއާ ގުޅިގެން ރައީސް މައުމޫން ވަނީ މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރައްވާފައެވެ. މިކަމާ ގުޅިގެން ގިނަ މަޖިލިސް މެންބަރުންނާއި ކުރީގެ ވަޒީރުން އަދި އިސްލާހީ ބޭފުޅުން ހައްޔަރުވެސް ކުރިވެ. ބައިނަލްއަގްވާމީ ފިއްތުންތަކުގެ ސަބަބުން ދެމަސް ދުވަސް ފަހުން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ވަނީ ގެނެސްފައެވެ.

"ކަޅު ހުކުރު" އަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގި އެންމެ އަނދިރި ދުވަސް ކަމުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދެކޭގޮތުގައި، މި ދުވަހަކީ ރައްޔިތުންނަށް ގާނޫނީ މިނިވަންކަމާއި ހިމާޔަތް ލިބުމަށް މަގުފަހިވެގެންދިޔަ ދުވަހެކެވެ. ދިވެހިން މި ދެކޭ އާ ގާނޫނު އަސާސީގެ ފެށުމަކީ އެއީ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު