ރާއްޖެ އާއި ސައޫދީ އަރަބިއްޔާ އަދި މެދުއިރުމަތީގެ އިސްލާމީ ގައުމުތަކާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި އެގައުމުތަކުން ލިބުނު އެހީ ވެސް ކުރީގެ ސަރުކާރަށް ވުރެ ގިނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު ޑރ. ޚަލީލް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން މެދުރިމަތީގެ ޤައުމުތަކާ، ޚާއްޞަކޮށް ޢަރަބި އިސްލާމީ ޤައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުންތައް ވަރުގަދަ ވެގެންގޮސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ، އެކަން ދައްކުވައިދޭ ތަފާސްހިސާބުތަކަށް ބަލާއިރު މި ސަރުކާރުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ސަޢޫދީ އަރަބިއްޔާއަށް ޖުމްލަ ހަތް ދަތުރާއި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ ކުރީ ސަރުކާރުގެ ފަސް އަހަރުގެ މުއްދަތުގައި ސަޢޫދީ އަރަބިއްޔާގެ ވެރިންނާ ބައްދަލުވެފައިވާ ޖުމްލަ ހަ ބައްދަލުވުމަށް ވުރެ އިތުރު އަދަދެެއް ކަން ޚަލީލް ފާހަގަކުރެެއްވިއެވެ.

މީގެ އިތުރުން މިހާ ހިސާބަށް އައިއިރު ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިންނާއެކު ޖުމްލަ ހަ ފަހަރު ބައްދަލުވެފައިވާ ކަމަށް ވެސް ޑރ. ޚަލީލް ވިދާޅުވިއެވެ. ކުރީ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ޔޫއޭއީއާ ބައްދަލުވެފައި ވަނީ ހަ ފަހަރު ކަމަށް ވެސް ޚަލީލް ފާހަގަކުރެއްވިއެވެ. އޮމާނާ އެކު މި ސަރުކާރަށް ދެ ބައްދަލުވުން ބޭއްވިފައިވާއިރު، ކުރީ ސަރުކާރުގައި ބޭއްވިފައި ވަނީ އެންމެ ބައްދަލުވުމެއް ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

ޑރ. ޚަލީލް ވިދާޅުވީ މި ނޫން ވެސް ބައެއް ޢަރަބި އިސްލާމީ ޤައުމުތަކާ އެކު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ހާސިލުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ދަރިވަރުންނަށް އެ ޤައުމުތަކުން ތަމްރީނު ހޯދައިދިނުމަށް ސްކޮލަރޝިޕް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިފައިވާކަން ޚަލީލު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް މޮރޮކޯއާ އެކު ބައެއް ބޭފުޅުން ތަމްރީނު ކުރުމަށް ޚާއްޞަ އެއްބަސްވުމެއް ވެސް ވެފައިވާ ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން ވަރުގަދަވެފައިވާކަން ޑޮލަރުގެ މިންގަނޑުން ވެސް ވަރަށް ބޮޑަށް ފެންނަން އޮތް ކަމަށެވެ. މި ސަރުކާރުގެ މި ކުރު މުއްދަތުގެ ތެރޭގައި ރާއްޖެއަށް ލިބިފައިވާ އެހީގެ އަދަދު، ކުރީ ސަރުކާރަށް ވުރެ ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި، ގުޅުންތައް ވަރުގަދަވެ، ގާތްކަން އޮތް މިންވަރު މި ކަންކަމުން ސާބިތުވާނެ ކަމަށް ޑރ. ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު