ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން މޮރިޝަސްއަށް ސިޓީ ނުފޮނުވިނަމަ އެ މައްސަލައިގައި ކުރިއަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ޚަލީލު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދު ރާއްޖެއިން ގެއްލުނު ކަނޑުގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ، ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިއްރު ސިޓީގެ ސަބަބުން ރާއްޖެއަށް ކަނޑުގެ ބޮޑު ސަރަހައްދެއް ގެއްލިގެން ދިޔަ ކަމަށެވެ. އެގޮތުން ދިވެހިރާއްޖެއަށް ފޯޅަވަހި އަދި ކަނޑުގެ ސަރަހައްދު ގެއްލުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ، ފޯޅަވައްސާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ދަޢުވާއެއް ނެތްކަމަށް ކުރީގެ ސަރުކާރުން ބައިނަލްއަޤްވާމީ ފަރާތްތަކަށް އެންގުން ކަމަށް ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ޚަލީލް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން އެ ސިޓީ ބޭރުނުކުރި ނަމަ، އެ މައްސަލައިގައި ކުރިއަށްދިއުމުގެ ފުރުޞަތު އޮތް ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ކުރިއަށްގެންދަނީ، ބައިނަލްއަޤްވާމީ ޤާނޫނީ މާހިރުންގެ އެހީތެރިކަމާއެކު، އެ މައްސަލަ އަލުން މުރާޖަޢާކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު