މީހުންގެ އަބުރުކަތިލުމުން ދުރުވެ މީސްމީޑިއާ ހެޔޮގޮތުގައި ބޭނުންކުރަން މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާ ޚާއްސަކޮށްފައިވަނީ "އަބުރު ހިމާޔަތްކުރުން" މި މައުޟޫއަށެވެ. މި ޚުތުބާގައި، މުޖުތަމަޢުގައި އަބުރަށް އަރައިގަތުމުގެ ޢަމަލުތައް އިތުރުވަމުންދާކަން ފާހަގަކޮށް މިކަމުގެ ނޭދެވޭ އަސަރުތަކަށް ވަނީ އަލިއަޅުވާލާފައެވެ.

އެގޮތުން ޚުތުބާގައި ބުނީ މީހެއްގެ ފުރާނައަށް ގެއްލުން ދިނުމާއި މުދަލަށް އަރައިގަތުން ހަރާމްވެގެންވާ ފަދައިން، އަބުރަށް އަރައިގަތުމަކީވެސް ހަރާމް ކަމެއް ކަމަށެވެ. އަދި މިއަދުގެ މުޖުތަމަޢުގައި އެންމެ އާންމުވަމުންދާ ފާފަތަކުގެ ތެރޭގައި މީހުންގެ އަބުރަށް އަރައިގަތުން ހިމެނޭކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ޙަޤީޤަތް ކަށަވަރުނުކޮށް، އަޑުއިވޭ ނުވަތަ ފެންނަ ކޮންމެ ވާހަކައެއް ފަަތުރާ މީހުން، އޭގެ ނަތީޖާއަށް ވިސްނާލަން ޖެހޭކަމަށެވެ.

މީސްމީޑިއާގެ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފޭސްބުކް، ޓްވިޓަރ، ވައިބަރ، ޓިކްޓޮކް، އަދި ޔޫޓިއުބް ފަދަ މަންސަތަކަކީ މަޢުލޫމާތު އަވަސް ދުވެއްޔެއްގައި ފަތުރައިދޭ ވަސީލަތްތަކެއްކަން ފާހަގަކޮށް މި ވަސީލަތްތައް ބޭނުންކުރުމުގައި ޒިންމާދާރުވުމަށް ޚުތުބާގައި ވަނީ އިލްތިމާސް ކޮށްފައެވެ.

ހުތުބާގައި ފާހަަގަކުރިގޮތުގައި މީހަކު އެހެންމީހެއްގެ ގާތުގައި ބުނާ ވާހަކައެއް ހަދާން ނައްތާލަން އަވަސްވިއަސް މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގައި ހިއްސާކުރާ ވާހަކަތަކެއް އެތައް ޒަމާނަކަށް ދެމިހުންނަ އެތައް ބަޔަކު އެހެން މީހުންނަށް ހިއްސާކުރާނެ ވާހަކަަތަކެކެވެ. އެހެންކަމުން މީހެއްގެ އަބުރު ކަތިލައި ނުވަތަ މީހަކަށް ޣީބަބުނުންކަމުގައިވާނަމަ އެ އެއްޗެއް ފެތުރޭހައި ހިނދަކު އެކަމުގެ ފާފަ އެ މީހަކަށް ލިބިލިބި ހުންނާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިސްލާމްދީނުގައި އިންސާނާގެ އަބުރު ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދީފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި މީހުންގެ އައިބުތައް ހޯދައި، އެ މީހުން ފަޟީޙަތްކުރުން އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމަށާއި އަދި މީހެއްގެ ކުށްތައް ވަންހަނާކޮށް، އަބުރު ރައްކާތެރިކޮށްދޭ މީހާގެ ކުށްތައް މާތްﷲ ދުނިޔެއާއި އާޚިރަތުގައިވެސް ވަންހަނާކޮށްދެއްވާނެކަމަށް ޚުތުބާގައިވެއެެވެ.

ޚުތުބާ ނިންމަވާލައްވަމުން، ޝޯޝަލް މީޑިޔާގައި މީހެއްގެ އަބުރަށް އަރައިގަނެވިފައިވާނަމަ، އެކަމަށް މަޢާފަށް އެދި، ނަފްސް އިޞްލާޙުކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ. އަދި ސިއްރިއްޔާތުގައި މިފަދަ ކަމެއް ކުރެވިފައިވިފައިވާނަމަވެސް، މަޢާފަށް އެދި، ތައުބާވެ، ވަގުތު ފާއިތުވުމުގެ ކުރިން މާތްﷲގެ މަގަށް ރުޖޫޢަވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު