ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންއަންނަ ހަމަލާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި އޯޑިއޯ މެސެޖެއްގައެވެ.

ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މުޅި ރާއްޖޭގައި މިިއަދު މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭއްވި ބޮޑު އެއްވުމާއި ދިމާކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި އޯޑިއޯ މެސެއްޖެއްގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޒަޔަނިސްޓް ޔަހޫދީ ދައުލަތުގެ އަނިޔާވެރި ޢުދުވާނާއި، ހުއްޓުމެއްނެތި އަޅަމުންދާ ބޮންތަކާއި، އަނިޔާވެރިކަމާއި، އަދި ބަނޑަށްޖެއްސުމުގެ ސިިޔާސަތު ދިގު މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ހިތްވަރާއި ޢަޒުމަށް އެއްވެސް އުނިކަމެއް އައިސްފައިނުވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ މި ހިތްވަރުގަދަކަމުން ފިލާވަޅު ލިބިގެން، ސުމޫދު ފްލޮޓީލާ ކޯލިޝަނުން ޣައްޒާގެ ހިޞާރު ނައްތާލައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 44 ޤައުމަކުން ކަނޑު އުޅަނދުތަކެއް ފުރުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި އިއްތިޙާދުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ އުފާފުޅު ކުރަށްވާ ކަމެއް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވީ ނަމަވެސް، އަބަދުވެސް ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކޮށް، ޢަދުލުއިންޞާފަށް ގޮވާލާ ޤައުމެއްކަމަށެވެ. އަދި ޣައްޒާގެ ހިޞާރު ނައްތާލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެމުންދާ ބައިނަލްއަޤްވާމީ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ޤައުމަށް ލިބޭ ފަޚުރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން ވަނީ ޣައްޒާގެ ހިޞާރު ނިމުމަކަށް ގެނެސް، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކޮންމެ ފަރުދަކަށްވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު