ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން، ހަދިޔާކުރި މަނަވަރު ނުވަތަ މިސައިލް ބޯޓު މިރޭ ރަސްމީކޮށް ދިވެހި އަސްކަރިއްޔާއާ ހަވާލުކޮށްފިއެވެ.

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާ ކުރި މަނަވަރު ޚިދުމަތަށް ނެރުނީ "ދަރުމަވަންތަ" ނަން ދިނުމަށްފަހުއެވެ.

މިއީ ދިވެހި ކަނޑުގެ ސިފައިންގެ އަރުމާދަށް މިހާތަނަށް ގެނެވުނު އެންމެ ބޮޑު އުޅަނދު ކަން ފާހަަގަކޮށްލެވެއެވެ. މި މަނަވަރު ނިސްބަތްވަނީ އިސްލާމް ދީނަކީ ދިވެހި ދައުލަތުގެ ދީން ކަމުގައި ކަނޑައެޅުއްވި އައްސުލްތާން މުހައްމަދު އިބްނު އަބުދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުން (ނުވަތަ ދަރުމަވަންތަ ރަސްގެފާނުގެ ނަން ފުޅަށެވެ.

މިރޭ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިި "ދަރުމަވަންތަ" ނަމުގައި މިރޭ ހިދުމަތަށް ނެރުނު އުޅަނދު ތުރުކީ ވިލާތުގެ ފަރާތުން ރާއްޖެއަށް ހަވާލު ކޮށްދެއްވީ ތުރުކީވިލާތުގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރު ޔިލްޑިޒެވެ. މި އުޅަނދާއި ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. މި ރަސްމިއްޔާތުގައި މަނަވަރުގެ ނަން ކަޝްފު ކޮށްދެއްވީ ރައީސް ޑރ. މުހައްްމަދު މުއިއްޒާއި، ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ، މިރެއަކީ އެމްއެންޑީއެފްގެ ގާބިލްކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާ ރެޔެއް ކަމަށާއި މިއީ ދިވެހި ތާރިޚުގައި ވެސް އެމްއެންޑީއެފަށް ލިބޭ އެންމެ ބޮޑު އުޅަނދު ލިބޭ ރޭ ކަމަށެވެ.

އަދި މިއީ 17 ނޮވެމްބަރު 2023ގައި ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ރައީސް މުއިއްޒު ކުރެއްސެވި ރަތް ރޮނގު އިތުރަށް ފަވާލަދެއްވާ ރެޔެއްކަމަށް ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން 1980 ވަަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު އަސްކަރިއްޔާގެ ކަނޑުގެ ބާރު ފެށިއިރު ހުރި ވަސީލަތްތަކާ އަޅައިކިޔާއިރު މިއަދު މި ޚިދުމަތް ތަރައްގީވެފައިވާ މިންވަރު ވަރަށް ބޮޑު ކަމަށް ޣައްސާން ވަނީ ފާހަގަކުރަށްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވަނީ މިއީ ދިވެހި އަސްކަރިއްޔަ ތަރައްގީކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދަވާކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އަސްކަރިއްޔާގެ ކޯސްޓު ގާޑަށް އިތުރުވާ އެންމެ ބޮޑު އުޅަނދުކަން ފާހަގަކުރައްވައި ހިލްމީ ވިދާޅުވީ މިއާއެކު ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ލަޝްކަރުގެ ބާރު އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު