"ދަރުމަވަންތަ" މަނަވަރު ރާއްޖެ އަށް ލިބުމަކީ އިންޑިޔާ ކަނޑުގެ ރައްކާތެރިކުރުމުގައި މުހިއްމު މަރުޙަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

ތުރުކީ ނޭވީން ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް (އެމް.އެން.ޑީ.އެފް) ހަދިޔާކުރި "ދަރުމަވަންތަ" ނަމަކަށް ކިޔާ މަނަވަރު ރަސްމީކޮށް ޙަވާލުކުރުމާއި ގުޅިގެން އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެ މަނަވަރު ލިބުމަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމުގައި މުހިންމު މަރުޙަލާއެއްގެ ފެށުން ކަމަށެވެ.

ރައީސް ވިދާޅުވީ، ތުރުކީ ނޭވީން އެމް.އެން.ޑީ.އެފަށް ހަދިޔާކުރި "ދަރުމަވަންތަ" ނަމަކަށް ކިޔާ މަނަވަރު ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާއި އެކަމާ މެދު އުފާފުޅު ކުރައްވާ ކަމަށެވެ.

މި މަނަވަރަކީ އެމް.އެން.ޑީ.އެފްގެ ކަނޑުބޯޓުފަހަރުގެ ތެރެއަށް އިތުރުވި އެންމެ ބޮޑު އުޅަނދެވެ. ތުރުކީ ނޭވީގެ އެޑްމިރަލް ކަދިރު ޔިލްދިޒް ވަނީ، އެމް.އެން.ޑީ.އެފްގެ ފަރާތުން މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާ ރަސްމީކޮށް މި ބޯޓު ޙަވާލުކޮށްދެއްވާފައެވެ. ރައީސް ވިދާޅުވީ މި ތާރީޚީ އިތުރުވުމަކީ ދިވެހިރާއްޖޭގެ ދިފާޢީ ޤާބިލިއްޔަތު ހަރުދަނާކުރުމާއި، އަޅުގަޅުގަނޑުމެންގެ ޤައުމާއި އަދި މުޅި ހިންދު ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމުގައި މުހިންމު މަރުޙަލާއެއް ފާހަގަކޮށްދޭ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރަށް ކިޔަނީ "ދަރުމަވަންތަ" އެވެ. އެމަނަވަރުގެ ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް ހަސަން ޝިނާންއެވެ.

ތުރުކީން ހަދިޔާ ކުރި އެ މަނަވަރަކީ މިސައިލް ފޮނުވުމުގެ ގާބިލްކަން ހުރި މަނަވަރެކެވެ. ޖަރުމަނު ކުންފުންޏަކުން ފަރުމާކޮށްފައިވާ އެ މަނަވަރަކީ ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އުޅަނދެކެވެ. އެއީ މެއި، 1984، އިން ފެށިގެން ތުރުކީ އަސްކަރިއްޔާއިން ޓީސީޖީ ވޮލްކަންގެ ނަމުގައި ބޭނުންކުރަމުން އައިސްފައިވާ އުޅަނދެއް ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު