ލ. ކައްދޫގައި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އުމުރުން ދުވަސްވީ މީހަކު ނިޔާވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 19:18 ހާއިރު ލ. ފޮނަދޫން ގަމަށް ދަތުރު ކުރި ސައިކަލެއް ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަަމަށެވެ.

މި އެކްސިޑެންޓްގައި ޒިބްރާ ކްރޮސް މަތިން ހުރަސް ކުރި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ލ. ގަން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އުމުރުން 64 އަހަރުގެ އަންހެން މީހާ ނިޔާވެފައިވާ ކަަމަށް ފުލުހުން ބުނެއެވެ. އެ ހާދިސާގައި ނިޔާވެފައިވަނީ ލ. މާވަށަށް ނިސްބަތްވާ މަރިޔަމް މޫސާ އެވެ.

ފުލުހުން ބުނީ މަރިޔަމް މޫސާ ނިޔާވި އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ ލ. ފޮނަދޫ، ހޯރަ ވިލާ، މުހައްމަދު ނައުސާން، 37، ކަމަށެވެ.

އެއީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާ އެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް މިއަދު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު